އެކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވީ އަމިއްލަ ތަޖުރިބާއިންނެވެ. މުޅި ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ކަމަށް ގަބޫލުކުރެވިގެން ވެރިކަން ހަވާލުކޮށް، ރާއްޖޭގެ ފުރަތަމަ ރައީސެއްގެ މަގާމުގައި ހުންނެވިއިރަކު ނޫނެވެ. އޭރު މުޅި ރާއްޖެއެއިން އިވެމުން ދިޔައީ އެމަނިކުފާނަށް ކިޔަމުން ގެންދިޔަ ތާރީފާއި ސަނާގެ ލަވަތަކެވެ. ފެންނަމުން ދިޔައީ އެފަދަ ދެވަނައެއް ނެތްކަމުގައި ލިޔަމުން ގެންދިޔަ ލިޔުންތަކެވެ. އޭރު ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ރާއްޖޭގެ ރައީސެވެ. ވެރިކަން ހިނގަމުން ދިޔަގޮތަށް ބަލާއިރު ހުރިހާ ކަމެއްގެ ވެސް ވެރިޔަކީ އަމީނެވެ.

އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގެންފި ހިނދެއްގައި ބޮޑެތި ކަންތައް ތަހުގީގުކުރައްވަ އެވެ. ބޮޑެތި މައްސަލަތަކަށް ކޯޓުގައި ވަކާލާތު ކުރައްވަ އެވެ. ބައެއް މައްސަލަތަކަށް ހުކުމް ވެސް ކުރައްވަ އެވެ. ޖުމްލަކޮށް ބުނާނަމަ މުޅި ރާއްޖޭގެ ހުރިހާކަމެއްގެ ވެސް ހިންގަވަނީ އެމަނިކުފާނެވެ. އެމަނިކުފާނުގެ ބަސްފުޅުވެފައި އޮތީ ފަހު ބަހަށެވެ.

ރައީސް އަމީނަށް ވެރިކަން ލިބިވަޑައިގެންނެވީ ރާއްޖޭގެ ކަންތައް ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހަސަން ފަރީދު ކުއްލި ގޮތަކަށް ގެއްލުމާއި ރާއްޖޭގެ ތަޚުތައް ދިވެހިން އިސް ކުރި ސުމުއްވުލް އަމީރު އަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ތަޚުތަށް އިސްވެވަޑައިނުގެންނެވިގެން އުޅުއްވަނިކޮށް އަވަހާރަވުމާ ގުޅިގެންނެވެ.

އަމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގެ ކަންތައް ހިންގުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހަސަން ފަރީދާއި އަމީނަކީ ބައެއް ކަންތަކުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތު ދެ މިޒާޖެއްގެ ދެބޭފުޅުން ކަމަށްވެ އެވެ. އަމީނަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފައްދަވައި އިލްމު ފެތުރުއްވުމަށް ބާރު އެޅުއްވި ބޭފުޅެކެވެ. ހަސަން ފަރީދު ވިދާޅުވާ ކަމަށްވަނީ އެމީހުންނަށް ކިޔަވައިދީފިނަމަ ބޭނުންގޮތަކަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ. އެވާހަކައަށް އަމީންގެ ޖަވާބަކީ ނުކިޔަވައި ތިބި ބައެއްގެ މައްޗަށް ކުރާނީ ކޮން ވެރިކަމެއް ހެއްޔެވެ؟

ރައީސްކަން ލިބިވަޑައިގެންނެވުމާއެކު ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް އަމީން މަސައްކަތްޕުޅު ފެއްޓެވީ ވަރަށް ބާރަށެވެ. އެކަމުގައި ރައްޔިތުންނަށް އުފުލަން ޖެހޭ ތަކުލީފަކަށް ނުބައްލަވައި އެޅުއްވި ގިނަ ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނާ ދެކޮޅުވެރި ޚިޔާލު މުޅި ރާއްޖޭގައި އާންމުވި އެވެ. އެމަނިކުފާނު އަވަހާރަ ކޮށްލުމަށް މާލެއާއި ރާއްޖެތެރޭގައި އެތައް ކަންތައްތަކެއް ރޭވި އެވެ. އެފަދަ ރޭވުންތައް ފަޅާ އެރުމުން އެ މީސްމީހުންނާމެދު ވަރަށް ހަރުކަށި ފިޔަވަޅު ވެސް އެޅުއްވި އެވެ.

އަމީންގެ ވެރިކަމާ ދެކޮޅަށް ތަފާތު ފެންވަރުގައި އުފެދެމުން ދިޔަ ނުތަނަވަސްކަމަށް ފަހު، ގެނެވުނު އިންގިލާބުގައި އެމަނިކުފާނު ވެރިކަމުން ދުރުކޮށް ދޫނިދޫގައި ބަންދު ކޮށްފައި ހުރި ދުވަސްކޮޅު އަމީން ވަނީ އެމަނިކުފާނުގެ ޝުއޫރުތައް ތަފާތު ގޮތްގޮތަށް ފާޅުކުރައްވާފަ އެވެ. ދޫނިދޫގައި ހުންނަވައި އެމަނިކުފާނުގެ ދަރިކަނބަލުންނަށް ލިއުއްވި ސިޓީގައި ވަރަށް ތަފުސީލްކޮށް އެ ޝުއޫރުތައް ފާޅުކުރައްވާފައިވެ އެވެ.

"އެމީހަކު ކުރިކަމެއް އެމީހަކަށް ނޫންހެއްޔެވެ. ބައެއް މީހުންގެ ހަނދާންތައް ހިތަށް ގެނެވުމުން، އެމީހުންގެ އިއްޔެގެ އަމަލާއި، މިއަދުގެ އަމަލު، ހިތު ތެރޭގައި އަޅާލެވުމުން، ބައްޕަ ގާތަށް އަންނަނީ ހިންޏެވެ." ދޫނިދޫގައި ހުންނަވައިގެން އަމީނާއަށް ލިޔުއްވި ދިގު ސިޓީގައި ލިޔުއްވައިފައިވެ އެވެ. އެ ސިޓީ އަމީނާއަށް ލިބިވަޑައިގެންނެވީ އަމީން އަވަހާރަވިތާ އެތައް އަހަރެއް ފަހުންނެވެ.

އިއްޔެގެ އަމަލާއި މިއަދުގެ އަމަލު ހުރި ގޮތޭ ވިދާޅުވެ އަމީނު އިޝާރާތް ކުރެއްވީ ވެރިކަން ބަދަލުވުމުގެ ކުރިން އެމަނިކުފާނަށް ތާރީފުކޮށް ވާހަކަ ދެއްކުމަށްފަހު އަލަށް އުފެދުނު ސަރުކާރުގައި ވެސް ހަމަ އެފަދައިން ވެރިންނަށް ޚުޝާމަދު ކުރަމުން ދިޔަ ބޭފުޅުންނަށެވެ. އެބޭފުޅުންގެ އަމަލުތައް ހުރި ގޮތަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެމީހުން، "ގަލަމާއި، ދުލުގެ ބޭނުން ކުރަނީ، އެފަހަރަކު ތިބި ވެރިންގެ ބަޔަކު އުފާވާނެހާ ގޮތަކަށެވެ."

އެއިރަކު ބާރުގައި ތިބޭ ބަޔަކަށް ޚުޝާމަދު ކުރުމާއި، ވައިޖެހުމުގައި ދިވެހީންގެ ކަންތައް ހުރި ގޮތުގެ މިސާލެއްގެ ގޮތުގައި އަމީން ދެއްކެވީ ލަވަހޮޅިގަނޑެއްގެ މިސާލެވެ. އަމީން ވިދާޅުވި ގޮތުގައި ލަވަހޮޅިގަނޑެކޭ އެއްފަދައިން އެމީހުންގެ އަނގައިން އިވެނީ އަޅައިދީފައިވާ އެއްޗެކެވެ.