ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ އޮތުމުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)، ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ތިން ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއެއް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައި ވާކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މި ޕާޓީތައް ޖޫރިމަނާކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 42 ވަނަ މާއްދާއާއި 44 ހަތަރު ވަނަ މާއްދާގެ ދަށުންނެވެ. އެ ގާނޫނުގެ 42 ވަނަ މާއްދާގައި ބުނާގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭ ޕާޓީގެ އޮޑިޓް ރިޕޯޓް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށް ފަހު ހުށަހަޅަންޖެހެ އެވެ. ރިޕޯޓް ހުށަނާޅާ ޕާޓީތައް 20،000 ރުފިޔާ އާއި 50،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ މެންބަރުންގެ އަދަދު 10،000 އަށް އެރުމުންނެވެ. 10،000 ހަމަނުވާ ކުދި ޕާޓީތަކަށް ފައިސާ ނުދިންނަމަވެސް ޖޫރިމަނާ ކުރުމުގައި ދައުލަތުން މިލިއަނުން ހަރަދުކުރާ ޕާޓީތަކާ ތަފާތެއް ނޯވެ އެވެ.