މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ މީޑިއާނެޓް އޮރިޖިނަލްސް ދިވެހި ސީރީޒް، "އެރެއަށްފަހު" މީޑިއާނެޓުގެ ވީޑިއޯކްލަބް ދައްކަން ފަށައިފި އެވެ.
15 އެޕިސޯޑުގެ މައްޗަށް ގެނެސްދޭ މިވެބް ސީރީޒަކީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕްރޮޑިއުސްކޮށްފައިވާ ސީރީޒެކެވެ. މި ސީރީޒް ބިނާކޮށްފައިވަނީ ހުނަރުވެރި ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ މޮޅު ވާހަކައެއްގެ މައްޗަށެވެ.
މި ސީރީޒްގެ މައި ރޯލުތަކުން ދިވެހި ފިލްމީ ދުނިޔޭގައި މަގްބޫލު ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އިބްރާހިމް ޖިހާދު (ޖިމީ) އާއި އައިމިނަތު ރަޝްފާ (އާޝާ) އަދި މަރިޔަމް ޝިފާ ހިމެނެ އެވެ.
"އެރެއަށްފަހު"ގެ ފުރަތަމަ ދެ އެޕިސޯޑު މީޑިއާނެޓުގެ ވީޑިއޯކްލަބަށް އިއްޔެ ވަނީ ރިލީޒްކޮށްފަ އެވެ. ފުރަތަމަ އެޕިސޯޑު ހިލޭ ބަލައިލެވޭއިރު، ކުރިއަށް ހުރި އެޕިސޯޑުތައް ބެލޭނީ ވީޑިއޯކްލަބަށް އިސްތިރާކު ދައްކައިގެންނެވެ.
މި ސީރީޒްގައި ފެނިގެންދާނީ މީހެއްގެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި އޭނާގެ ޢާއިލާއިން ކުރާ މަސައްކަތާއި އެ މަސައްކަތުގެ ތެރެއިން ދިމާވާ އެކި އެކި ހާދިސާތަކެވެ. ސަސްޕެންސުން ފުރިގެންވާ މި ސީރީޒުގެ ކޮންމެ އެޕިސޯޑެއްގައިވެސް ބެލުންތެރިން ޝައުގުވެރިވާ ފަދަ ތަފާތު ހާދިސާތަކެއް އެކުލެވޭނެކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެ އެވެ.
"އެރެއަށްފަހު" މި ސީރީޒްއަކީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހިންނާއި ހަމައަށް ގެނެސްދެމުން އަންނަ ދިވެހި އަމިއްލަ ފިލްމާއި ސީރީޒް ލައިބްރަރީއަށް އިތުރުވެގެންދާ ކޮންޓެންޓެކެވެ. ދިވެހިންގެ މެދުގައި މަގްބޫލު ފަހުގެ މޮޅު ފިލްމާއި ސީރީޒް އެމް އޮރިޖިނަލްސް ބެނާގެ ދަށުން ވީޑިއޯކްލަބް ޚިދުމަތް މެދުވެރިކޮށް އަންނަނީ ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ.
ވީޑިއޯކްލަބަކީ މީޑިއާނެޓުގެ ވީޑިއޯ އޮން ޑިމާންޑް ސާވިސް އެވެ. މީޑިއާނެޓުގެ އެމްއެސް ޓީވީ އަދި އެމްއެސް ލައިޓް ޚިދުމަތް މެދުވެރިކޮށް ޓީވީއިން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެ އެވެ. އަދި އެމް އެސް ޑިޖިޓަލް ޚިދުމަތް މެދުވެރިކޮށް މޯބައިލް ޑިވައިސްތަކުން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެ އެވެ.