ޑާކް ރެއިން އެންޓަޓެއިންމަންޓް އިން ގެނެސްދިން "ފުރޭތަ"ގެ ދެ ވަނަ ބަޔަކީ "ލޭ" ކަމަށް އެ ސްޓޫޑިއޯއިން ބުނެފި އެވެ.

މާޗް މަހުގެ ހަތް ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރި "ފުރޭތަ" އަކީ މިހާރު އަހަރުމެންގެ މުޖުތަމައުގައި ފެނިގެންދާ މައްސަލައަކަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ.

"ފުރޭތަ"އިގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އެވެ. ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމް ބިނާކޮށްފައިވަނީ އަހުމަދު ތޮލާލް ލިޔެފައިވާ ސްކްރީންޕްލޭ އަކަށެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ ސްޓޫޑިއޯ އިން ބުނި ގޮތުގައި "ފުރޭތަ" ދެ ވަނަ ބައެއް ގޮތުގައި "ލޭ" ގެނެސްދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެކްޝަން ތުރިލާއެއްގެ ފިލްމެކެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

އެހެން ނަމަވެސް ފިލްމު "ލޭ" އިން ފެނިގެންދާނީ ކޮން ތަރިނެއްކަން އަދި ހާމަކޮށްފައިނުވެ އެވެ.

https://www.facebook.com/photo?fbid=1012363090897954&set=pb.100063728163496.-2207520000

ޑާކް ރެއިންގސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ފިލްމު "ލޭ" އިން އަހުމަދު ރިފްޝާންގެ ރޯލެއް ފެނިގެންދާނެ އެވެ. މިފިލްމާ ބެހޭ ގޮތުން މާ ބޮޑު މައުލޫމާތެއް ޑާކް ރެއިންއިން ހާމަކޮށްފައިނުވެ އެވެ.

ޑާކް ރެއިން އިން ބުނީ ފިލްމު "ލޭ" ގެނެސްދިނުމަށް ފަހު އޭގެ ފަހުން "މަރަށް މަރު" ވެސް ގެނެސްދީފައި ނޫނީ "ފުރޭތަ" ގެ މުޅި ވާހަކަ ނިންމައިނުލާނެ ކަމެވެ.