ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު ކަމުގައި ވިޔަސް، އެ ކޮމިޝަނުން މައްސަލަ ހިފަހައްޓައިގެން ތިބެނީ ކަމަށާއި ކޮމިޝަނަށް "ވާ ކަމެއް ހަރާމް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގާނޫނުތައް ބައްޓަންވެފައި އޮތް ގޮތުން ކޮރަޕްޝަނާއި ފަސާދައިގެ މެންޑޭޓް ނުވަތަ އެ މައްސަލަތައް ބެލުމުގެ ބާރު ދީފައި އޮންނަނީ އޭސީސީ އަށް ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ބައެއް ކޯޓުތަކުން ކޮށްފައި ހުރި ބައެއް ހުކުމްތަކުން އެނގޭ ގޮތުގައި އޭސީސީގައި މައްސަލައެއް އޮއްވައި އެ މައްސަލައެއް ފުލުހުންނަށް ނުބެލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީ އަށް މައްސަލަ ހުށަހެޅިޔަސް، މައްސަލަތައް ހިފަހައްޓައިގެން ތިބޭތީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެ، މައްސަލަތައް ބޭރުކޮށްލާ ހާލަތު ދިމާވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ތި ބޭފުޅުން ކޮންމެ ދައުރެއްގައި ވެސް ހަމަ އެއް ވާހަކަ ދައްކަވަނީ އިނގޭތޯ. ވާ ކަމެއް ހަރާން އިނގޭތޯ. ދެން އަނެއްކާވެސް އަޅުގަނޑުމެން ވީ ތި ބޭފުޅުން ބަދަލުކުރަން. އަނެއްކާވެސް އަނެއް ފަސް މީހުން އައިސްގެން ވެސް މިހެން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ އޭސީސީގެ މެމްބަރުން ވަރަށް ބޮޑު މެންޑޭޓެއް ހިފަހައްޓަވައިގެން އެކަން ނުކުރައްވަވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެހެންވެއްޖެ ނަމަ، އެކަން ފުލުހުންނަށް ވެސް ބެލޭނެ ގޮތެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ އެތައް މައްސަލައެއް އޭސީސީ އަށް ލިބެމުން ދިޔައިރު އަދި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މަގާމުން ދުރުކުރަން އެދުމުގެ ފުރުސަތު އޭސީސީއަށް އޮތަސް އޭރު އެ ކޮމިޝަނުން އެކަން ކުރި ކަމާ މެދުގައި ނާޒިމް ސުވާލު އުފެއްދެވި އެވެ.

"ތި ބޭފުޅުން އަތްމައްޗަށް ކޮންމެ ދުވަހަކު މައްސަލަތައް އައިސް އައިސް، އެންމެ ފަހުން ވެރިކަން ނިމިގެން ހަތަރު ބިލިއަން ރުފިޔާ ގެއްލުނު ފަހުން އަޅުގަނޑު މި ސުވާލު ކުރަނީ. ތިޔަ ވިދާޅުވީ އެ ބާރު އޮތޭ. ކީއްވެގެންތޯ އެ ބޭފުޅާ [ފެނަކަ ސައީދު] އެއްކައިރި ނުކުރެވުނީ ތި ބޭފުޅުންނަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ އެ ސުވާލާ ގުޅިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފެނަކައިގެ އެމްޑީ ސައީދު އާ މެދުގައި ފިޔަވަޅު އަޅައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ. އެކަމަކު، އެއީ ކޮން ފިޔަވަޅެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ނާޒިމް ވިދާޅުވީ ކަމެއް ނުވީމަ، އަނެއްކާ ވެސް ކޮމިޝަންގެ މެމްބަރުން ބަދަލުކޮށް އާ މެމްބަރުން އައްޔަން ކުރެއްވީމަ ވެސް ވަނީ އެއްގޮތެއް ކަމަށެވެ.