ވޮޝިންޓަން (ޖުލައި 16) - އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކެމްޕޭން އެއްވުމެއް ކުރިއަށް ގެންދަވަނިކޮށް، އާއްމުންގެ މީހަކު ހަތިޔާރާ އެކު ވަދެގަނެ ބަޑިން ހަމަލާ ދިނުމުގެ ފުރުސަތު ހޯދިއިރު ޕޮލިހުންނާއި ސީކްރެޓް ސާވިސްގެ އެޖެންޓުންގެ ދައުރާ މެދު މިވަނީ ސުވާލު އުފެދިފަ އެވެ.
ސީކްރެޓް ސާވިސް އަކީ އެމެރިކާގައި ސިޔާސީ ވެރިންނަށް ހިމާޔަތް ދިނުމަށް އުފައްދާފައިވާ އެންފޯސްމަންޓް އެޖެންސީއެކެވެ. ސީކްރެޓް ސާވިސްގެ އެޖެންޓުންނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ވަރުގަދަ އަށް ތަމްރީނު ދީފައިވާ އެންމެ ވަރުގަދަ އެއް ޔުނިޓެވެ.
ރިޕަބްލިކަން ޕާޓީން މިފަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން ރެލީއެއް ޕެންސިލްވޭނިއާގައި ކުރިއަށް ދަނިކޮށް ތޯމަސް މެތިއު ކްރޫކްސް ކިޔާ އުމުރުން 20 އަހަރުގެ ޒުވާނަކު ވަނީ އިވެންޓް ކުރިއަށް ދިޔަ ސަރަހައްދާ މާދުރު ނޫން ހިސާބެއްގައި ހުރި އިމާރާތެއްގެ ފުރާޅު މައްޗަށް އަރާ ޓްރަމްޕަށް ބަޑިން ހަމަލާދީފަ އެވެ. އެ ހަމަލާގައި ޓްރަމްޕުގެ ކަނާތު ކަންފަތުގެ މަތިން ބައެއް ނެއްޓުނެވެ. ހަމަލާގެ އަމާޒު އިންޗިއެއް ވަރު ތަފާތުވި ނަމަވެސް މިއީ ފުރާނައަށް ނުރައްކާވާ ވަރުގެ ނުރައްކާ ހަމަލާއެކެވެ. ޓްރަމްޕަށް ހަމަލާ ދިނީ 130 މީޓަރު (430 ފޫޓު) ދުރުންނެވެ.
އެމެރިކާގެ ސީކްރެޓް ސާވިސް އިން ބުނެފައި ވަނީ ހަމަލާ ދިން އެ ބިލްޑިން ކަވަރު ކުރުމަށް ހަވާލުކޮށްފައި ވަނީ ލޯކަލް ޕޮލިހުންނާ ކަމަށެވެ.
ސީކްރެޓް ސާވިސްގެ ތަރުޖަމާން އެންތަނީ ގުގްލިއެލްމި ވިދާޅުވީ އެ އެޖެންސީން ވަނީ ލޯކަލް ފުލުހުންގެ އެހީ އަށް އެދި އެ މީހުންނަށް އިތުބާރުކޮށްފައި ކަމަށެވެ. ސީކްރެޓް ސާވިސް އިން ބަލަހައްޓަމުން ދިޔައީ އިވެންޓް އޮތް ތަނުގެ އެތެރޭގެ ސެކިއުރިޓީ ކަމަށެވެ. އަދި ލޯކަލް ޕޮލިހާ ހަވާލުކޮށްފައި ވަނީ އިވެންޓް އޮތް ތަނުގެ ބޭރުގެ ސެކިއުރިޓީ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހަމަލާ ދިން ބިލްޑިން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ލޯކަލް ޕޮލިހުން ބުނެފައި ވަނީ ހަމަލާ ދޭން ބޭނުންކުރި އިމާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ އެމީހުންގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ސީކްރެޓް ސާވިސް އިން ބުނި ހުރިހާ ޚިދުމަތެއް ފޯރުކޮށްދިން ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ސީކްރެޓް ސާވިސް އިން އެދިގެން 30-40 އާ ދެމެދުގެ އަދަދަކަށް ފުލުހުން ދިން ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމަކު އެތައް ބައެއްގެ ސުވާލަކީ ޓްރަމްޕަށް ހަމަލާ ދެވޭ ހިސާބަކަށް އެއްވެސް ހުރަހަކާ ނުލައި މީހަކަށް ދެވުނު އިރު ސަލާމަތީ ޚިދުމަތް ދިން މީހުން ކޮބައިތޯ އެވެ. ސެކިއުރިޓީ ޕްލޭން ފޭލްވީ ކީއްވެތޯ އެވެ.
އެއްވުމުގައި ތިބި ބައެއް މީހުން ވެސް ބުނެފައި ވަނީ ހަމަލާ ދިނުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން އެ މީހާ ފުރާޅު މަތީގައި އުޅުނު ތަން ފެނުނު ކަމަށެވެ. އަދި ލޯކަލް ސެކިއުރިޓީންނަށް ވެސް އެމީހާ ފެނިފައިވާ ކަމަށާއި އެކަމަކު އެ މީހާ ނުހުއްޓުވުނު ކަމަށެވެ.
ޓްރަމްޕަށް ހަމަލާ ދިން ކްރޫކްސް އަރާއި އޮތް އިމާރާތުގައި ވެސް ސީކްރެޓް ސާވިސްގެ ތިން ސްނައިޕަރުން ހަރަކާތްތެރިވި ކަަމަށްވެ އެވެ.
ސީކްރެޓް ސާވިސްގައި ކުރިން މަސައްކަތްކުރި އެޖެންޓަކު ބުނީ ކެމްޕޭން އިވެންޓްތައް އޮންނަ ތަންތަން ސީކްރެޓް ސާވިސް އިން ދުރާލައި ބަލައި ޗެކްކޮށް ސެކިއުރިޓީ ޕްލޭނެއް ހަދާ ކަމަށެވެ. އަދި ލޯކަލް ޕޮލިސް އެޖެންސީތަކާ ވެސް އެ ޕްލޭން ހިއްސާކުރާ ކަމަށް އޭނާ ބުންޏެވެ. އެހެންވެ މިފަހަރު މި ދިމާވި ހާދިސާގައި ބަޑި ޖެހި މީހާ ބޭނުންކުރި އިމާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ލޯކަލް ޕޮލިހުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިވެންޓްތައް އޮންނަ އިރު ހުރިހާ އެޖެންސީތަކެއްގެ މެދުގައި ވެސް ވަގުތުން މައުލޫމާތު ބަދަލު ކުރުން ކުރިއަށްދާ ކަމަށާއި އެފަދަ މައުލޫމާތެއް ބަދަލުކުރާ "10 ސިކުތުންގެ ވަގުތުގައި" ވެސް މި ބާވަތުގެ ހަމަލާއެއް ދީފާނެ ކަމަށެވެ.
މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނީ ހަމަލާ ދިން ބިލްޑިންއަކީ ނުރައްކަލެއް ކަމަށް ސީކްރެޓް ސާވިސް އިން ކުރިން ކަނޑައަޅައި އެ ތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ލޯކަލް ޕޮލިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެމެރިކާގެ އެފްބީއައި އިން މިހާރު ގެންދަނީ މި ހާދިސާގެ ތަހުގީގެއް ކުރަމުންނެވެ. އަދި އެމެރިކާގެ ސެނެޓާއި ހައުސިން ވެސް އެ ހާދިސާގެ ތަހުގީގެއް ކުރިއަށް ގެންދާނެ އެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވީ ޓްރަމްޕުގެ އިވެންޓުގައި ބަޑިން ހަމަލާ ދިނުމަކީ ވަރަށް ބޮޑު ސެކިއުރިޓީ ފެއިލްވުމެއް ކަމަށާއި މިއީ ކުރިއަށް އޮތް ތަނުގައި ވެސް ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ވިދާޅުވީ ފެޑެރަލް އަދި ލޯކަލް ޕޮލިހުންނާ ގުޅިގެން ކަންވީ ގޮތް ސާފު ކުރަމުން ގެންދާ ކަމަށެވެ. އަދި މިބާވަތުގެ ކަމެއް ކުރިމަތި ވިޔަ ނުދިނުމަށް އަޅާނެ ފިޔަވަޅުތައް ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ. ކޮންގްރެސްގެ ތަހުގީގަށް ސީކްރެޓް ސާވިސް އިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.