ލޯބިވެރިޔާ އަށް އަނިޔާ ކުރި ދިވެއްސަކު އެއް މަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރީ ގދ. ތިނަދޫ އަށް 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުގައި އޭނާއަކީ އެކި މައްސަލަތަކުގައި 26 ފަހަރު ބަންދު ކުރި މީހެކެވެ. ފުލުހުން ވަނީ އޭނާ އަނިޔާވެރި އަމަލެއް ހިންގި ކަމުގެ ހެކި ހުށަހަޅައިފަ އެވެ.

އެމީހާ ބަންދުން ދޫކޮށްލައިފިނަމަ އޭނާ ލޯބިވެރިޔާއަށް އަނިޔާކޮށް ކުށް ތަކުރާރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށް ބުނެފައިވެ އެވެ.

އަމުރުގައި ބުނެފައި ވަނީ އޭނާއާ އަނިޔާ ލިބުނު މީހާއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަން އޭނާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.

ނަމަވެސް ލޯބިވެރިޔާ އަށް އަނިޔާ ކުރި ކަމަށް އެމީހާ އިންކާރު ކުރެ އެވެ. އެކަމަކު، ރުޅި އައިސްގެން ޒުވާބެއް ހިންގި ކަމަށާއި އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް އަމުރުގައިވެ އެވެ.