ފުވައްމުލަކުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ދެ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 4:30 ހާއިރު ޖަމާލުއްދީން ނައިބު ތުއްތުމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި ހުރި ގަހެއްގައި ޖެހިގެން ކަމަށެވެ.

ފުވައްމުލަކު ނައިބު ތުއްތުމަގުގައި މިއަދު ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު.

މި ހާދިސާގައި މަރުވީ އެރަށު ކެޕްރީ، އަހުމަދު މުތީއު 24، އާއި މެހެންދި، އާމިލް އަހުމަދު 19، އެވެ.

"ކާރު ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި ހުރި ކިނބި ގަހެއްގައި ޖެހި ކާރުކުރީކޮޅު އޮތީ ފުނޑުފުނޑުވެފައި އޮތީ. ކާރު ތެރެއިން ދެ މީހުން ނެރުނީ ވެސް ކުރީކޮޅު ގްރައިންޑަރުން ކަފާލައިގެން،" އެ މީހާ ބުންޏެވެ.

ފުވައްމުލަކު ނައިބު ތުއްތުމަގުގައި މިއަދު ހިނގި އެކްސިޑެންޓްގައި މަރުވި ދެ ޒުވާނުން ކަމަށްވާ އާމިލް އަހުމަދު (ވ) އަދި އަހުމަދު މުތީއު.

އޭނާ ބުނީ އެ އެކްސިޑެންޓްގައި މަރުވި އެކަކު މީގެ ކުރިން ވެސް ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ވަރަށް ބޮޑަށް ޒަހަމްވި ކަމަށެވެ.

އެ ރަށު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓްގައި ޒަހަމްވި އެކަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި ދެވަނަ މީހާ ވެސް ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި ކަމަށްވެ އެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން ހުރި މީހާގެ ބޯފެޅި، ސިކުނޑި ވެސް އޮތީ ބޭރަށް ނުކުމެފައި ކަމަށެވެ.

ފުވައްމުލަކު ނައިބު ތުއްތުމަގުގައި މިއަދު ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ކާރު.

މި އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުން ބުނީ މިއަދު ހަވީރު 4:22 ގައި ހިނގި އެ އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.