ވޮޝިންޓަން (ޖުލައި 19) - އެމެރިކާގެ ކުރީގެ ރައީސް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މިދިޔަ ހަފުތާގައި ދިން ބަޑީގެ ހަމަލާގެ ތަފްސީލްތައް އެމަނިކުފާން ވިދާޅުވެ ދެއްވައިފި އެވެ.

ރިޕަބްލިކަން ކޮންވެންޝަންގެ އެންމެ ފަހު ދުވަހު ޓްރަމްޕް ދެއްވި ދޮޅުގަޑިއިރުގެ ދިގު ތަގުރީރުގައި ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާގެ ތަފްސީލް ވިދާޅުވެ ދެއްވާނެ މިއީ އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަރު ކަމަށެވެ.

"ވީ ގޮތް އަޅުގަނޑު ކިޔައިދޭނަން. ދެވަނަ ފަހަރަށް މި ވާހަކައެއް އަޅުގަނޑުގެ ފަރާތުން ނީވޭނެ. ސަބަބަކީ މިއީ ކިޔައިދޭން ވަރަށް ވޭންހުރި ވާހަކައަކަށް ވާތީ،" ހަމަލާ އަށް ފަހު ދެއްވި ފުރަތަމަ އާއްމު ތަގްރީރުގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕަށް ބަޑިން ހަމަލާ ދިން އުމުރުން 20 އަހަރުގެ ޒުވާނާ ވަނީ ސީކްރެޓް ސާވިސްގެ އެޖެންޓުން ހަމަލާދީ މަރާލައިފަ އެވެ. އޭނާ މަރާލީ ޓްރަމްޕަށް ހަމަލާ ދިންތާ 26 ސިކުންތު ތެރޭގަ އެވެ.

ޓްރަމްޕް ވިދާޅުވީ ފާޑެއްގެ އަޑަކާ އެކު ކޮންމެވެސް އެއްޗެއް އެމަނިކުފާނުގެ ހަށިގަނޑުގައި ޖެހުނުކަން އިހްސާސްވި ކަމަށެވެ.

"ވަރަށް ބާރަށް ކަނާތު ކަންފަތުގައި އެއްޗެއް ޖެހުނު. އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވެސް ބުނެލެވުނު އެއީ ކޮން އެއްޗެއް ބާވައޭ. ޔަގީނުން ވެސް އެވާނީ ވަޒަނަކަށޭ. ދެން އަތް ނަގައި ކަނާތު ކަންފަތުގައި ޖައްސާ ތިރިކޮށްލި އިރު މުޅި އަތުގައި އޮތީ ލޭ،" ޓްރަމްޕް ވިދާޅުވި އެވެ. "އެހާ ހިސާބުން އެނގިއްޖެ އަޅުގަނޑަށް މި ވަނީ ހަމަލާއަކާ ކުރިމަތިވެފައި ކަން."

ފުރަތަމަ ވަޒަނާ އެކު ޓްރަމްޕް ވަނީ ތިރިވެފަ އެވެ. އެ ވަގުތު ސީކްރެޓް ސާވިސްގެ އެޖެންޓުން ވަށާލައި ޓްރަމްޕަށް ވަނީ ހިމާޔަތްދީފަ އެވެ. ޓްރަމްޕް ވަނީ ސީކްރެޓް ސާވިސްގެ އަވަސް ހަރަކާތްތަކަށް ތައުރީފް ކުރައްވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ އަށް އަމާޒުވީ ސީދާ މަރުގެ ހަމަލާއެއް ކަމަށާއި އެއީ ހަމަ ސަލާމަތް ނުވެވޭ ވަރުގެ ނުރައްކާ ހަމަލާއެއް ކަމަށެވެ.

"އެހެން ގޮތަކަށް ދިޔަ ނަމަ މި ސްޓޭޖުގައި ވެސް މިއަދު ހުރެވޭނެހެން ހިއެއް ނުވޭ،" ސަޕޯޓަރުންގެ ތާއީދުގެ އަޑާ އެކު ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ސަޕޯޓަރުންގެ ކުރިމަތީގައި ސްޓޭޖުގައި މި ހުރެވުނީ ކަލާނގެ ކުޅަނދުންވަންތަކަމުގެ ސަބަބުން ކަމަށެވެ.

ޓްރަމްޕަށް ދިން ހަމަލާ އިން އެމަނިކުފާން ސަލާމަތްވެފައި ވަނީ ކަލާނގެ ވަންތަ ބާރަކުން ކަމަށް ވިދާޅުވެ އެތައް ސިޔާސީ ބޭފުޅުންނެއް ކުރިން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

"ޓްރަމްޕް ސަލާމަތްކޮށް ދެއްވީ ގޯޑް (ކަލާނގެ) ބާރުންކަން އެއީ ދެބަސްވެވޭނެ ކަމެއް ނޫން. ޓްރަމްޕް ސަލާމަތްވީ މިލިމީޓަރެއްހާ ވަރުގެ މުއުޖިޒާތީ ބާރަކުން،" ޑިޓްރޮއިޓަށް ނިސްބަތްވާ ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.