މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައި ވާކަމަށެވެ.

މި މައްސަލައާ ގުޅިގެން 22 އަހަރާއި 27 އަހަރާއި އަދި 30 އަހަރުގެ ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން އެ މީހުން ހައްޔަރުކުރީ މީހަކު ގެސްޓްހައުސްއެއްގައި ހުއްޓާ އެތަނަށް ވަދެ، މުދަލަށް ގެއްލުން ދިނުމަށްފަހު އޭނާ ރަހީނުކުރި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި އަނިޔާލިބުނު މީހާ ގޮވައިގެން އެ މީހުން ސައިކަލުގައި ދާ މަންޒަރު ވީޑިއޯތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.