ބޮކްސް އޮފީހުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކަރީނާ ކަޕޫރަކީ "ފަގީރެއް" ކަމަށް ދޭހަވާ ފަދަ ގޮތަކަށް އޭނާ ވާހަކަ ދައްކައިފި އެވެ.

މި މޭރުމުން ކަރީނާ ވާހަކަ ދައްކާފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ފިލްމުތަކަށް ބޮޑު އަގު ނަގާތީ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުންނެވެ.

"އަހަރެން ދިރިއުޅެނީ އަހަރެންގެ ފިރިމީހާގެ ގޭގައި. މި އިންޓަވިއު ކުރަން ވެސް މި ތަނުގައި ތިބެގެން. އެހެންވީމަ އަހަރެން ވެސް މި އުޅެނީ ވަރަށް ހާލުގައި،" ހިނިގަނޑަކާއެކު އޭނާ ބުންޏެވެ.

ކަރީނާ ބުނީ ފިލްމުތައް ޚިޔާރު ކުރުމުގައި އޭނާ ބަލަނީ އެއިން ލިބޭ އާމްދަނީއަށް ނޫން ކަމަށާއި އެ ފިލްމުގައި ކުޅެން ޖެހޭ ރޯލަށް ކަމަށެވެ.

އެގޮތުން އޭނާ ޝައުގުވެރިވާ ފަދަ ރޯލެއް ނަމަ ވަރަށް ކުޑަ އަގެއްގައި ވެސް މަސައްކަތް ކުރާނެ ކަމަށާއި އެހެން ނަމަވެސް ބޮޑު ބަޖެޓުތައް ހިމެނޭ ފިލްމުތަކަށް ކުޑަ އަގެއް ނުނަގާނެ ކަމަށެވެ.

ކަރީނާ ކޮންމެ ފިލްމަކަށް ނަގާ އަގު އުޅެނީ 15-10 ކްރޯޑް ރުޕީސްގަ އެވެ. އޭނާއަކީ ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކަރީނާ އެންމެ ފަހުން ފެނިގެންދިޔައީ ތާބޫއާއި ކްރިތީއާ އެކު "ކްރޫ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ބަކިންހަމް މާޑާސް" އެވެ.