އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ނަންފުޅު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސަށް މަޝްވަރާ އެރުވުމަށް ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރުމުން އިއްޔެ ވަނީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފަ އެވެ.
ރައީސް އޮފީހުން އިއްޔެ ބުނެފައިވަނީ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ފޮނުވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީ އިއްވާފަ އެވެ. އަދި މި މައްސަލަ ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.
މުނައްވަރަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މުނައްވަރު މިހާރު ހުންނެވީ އެޑްވައިޒަ ޓު ދަ މިނިސްޓަ އޮފް ފިނޭންސްގެ މަގާމުގަ އެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން ރައީސަށް ލަފާ ދޭން ފާސްވީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުގެ ވޯޓާ އެކު އެވެ.