އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވި މައްސަލާގައި ހައްޔަރުކޮށް ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކުރި، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ ފިލްމު ކުޅުން ހުއްޓާލައިފި އެވެ.

އެކްޓަރު ސުޝާންތު 2020 ގައި މަރުވި މައްސަލައާ ގުޅިގެން ރިއާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފަހުން ހައްޔަރު ވެސް ކުރި އެވެ. ރިއާ ސުޝާންތަށް މަސްތުވާތަކެތި ދިން ކަމަށާއި މަސްތުވާތަކެތި ޓްރެފިކްކުރާ ބަޔަކާ ރިއާއާ ގުޅުން އޮންނަ ކަމުގެ ތުހުމަތެއް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ދިޔައީ ތަހުގީގުކުރަމުންނެވެ.

އެ މައްސަލާގައި ފަހުން ކަފާލާތުގެ ދަށުން ރިއާ މިނިވަން ންކުރިޔަސް އިންޑިއާ އިން ބޭރަށް ދަތުރުކުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. އެހެންނަމަވެސް ފަހުން ވަނީ އިންޑިއާ އިން ބޭރަށް ދިޔުމަށް ހުއްދަދީފަ އެވެ.

މި ހާދިސާ އަށް ފަހު ރިއާ ފިލްމީ ދާއިރާއިން ގެއްލުނެވެ.

މިކަމާ ބެހޭ ގޮތުން މީޑިއާއަށް ދިން އިންޓަވިއުއްގައި ބަތަލާ ރިއާ ބުނެފައިވަނީ ފިލްމުތަކުގައި އެކްޓުކުރުން ހުއްޓާލާފައިވާ ކަމަށެވެ. މިހާރު ކުރާ މަސައްކަތަކީ އެކި ހަފްލާތަކުގައި މޯޓިވޭޝަނަލް ސްޕީޗް ދިނުން ކަމަށްވެސް ރިއާ ބުންޏެވެ.

https://www.instagram.com/p/C9mkrXuyRnT/

ރިއާ އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2013 ގައި ގެނެސްދިން "މޭރޭ ޑޭޑް ކީ މަރޫޓީ" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ.

ރިއާ އެންމެ ފަހުން ފެނިގެން ދިޔައީ އެމްޓީވީން ގެނެސްދޭ ރިއަލިޓީ ޝޯއެއް ކަމަށްވާ ރޯޑީސްގެ 19 ވަނަ ސީޒަންގެ ގޭންގް ލީޑަރެއްގެ ގޮތުގަ އެވެ.