މި އަހަރުގެ ސްޕޯޓްސް އެވޯޑްގެ އިވެންޓް މެނޭޖް ކުރަން ހަވާލުކޮށްފައި ވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުގެ އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާގޮތުން އޮފިޝަލް އިވެންޓްސްގެ މެނޭޖިން ޑިރެކްޓަރަކީ މެމްބަރު ޝުޖާއު އެވެ. އަދި އޭނާގެ އިތުރުން ބޯޑުގައި އިތުރު ޑިރެކްޓަރަކު ހުރެ އެވެ. އެއީ އަހްމަދު އަދުހަމެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސްޕޯޓްސް މިނިސްޓްރީން ހޯދަން އެދުނު މައުލޫމާތުގެ ޖަވާބު އެ މިނިސްޓްރީން ވަނީ "ހުރިހާ"އަށް ދީފަ އެވެ.

ސްޕޯޓްސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައި ވާގޮތުން ސްޕޯޓްސް އެވޯޑުގެ އިވެންޓް މެނޭޖްކުރަން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއަށް ހަވާލުކޮށްފައި ވަނީ 3.9 މިލިއަން ރުފިޔާއަށް ކަމަށެވެ.

ސްޕޯޓްސް އެވޯޑު ހަފްލާ މިހާރު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން ސަރުކާރުގެ ގިނަ އިވެންޓްތަކެއް މެނޭޖްކުރަން ޝުޖާއުގެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.