ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ނުކެރޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މި ސަރުކާރާއި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެގެން ނުބެލޭނެ ކަމަށެވެ.
"ޗެލެންޖްކޮށްފައި މި ދަންނަވަނީ ރިޔާސީ ކޮމިޝަނެއް އެކުލަވާލާ މި މައްސަލަ ބައްލަވަން. އަބްދުއްރަހީމް ފަދަ ބޭފުޅުން ތިބެގެން މި މައްސަލަ އެއްވެސް ތާކުން ނުބެލޭނެ" ޔާމީން ވިދާޅުވި އެވެ.
މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅަށް ރައްދުދެއްވާ ޔާމީން ވިދާޅުވީ ޕީއެންސީގެ ހަރުގޭގައި ރައީސް އެ ވާހަކަ ދެއްކެވުމުން އޭރު ވެސް އެ ހަރުގޭގައި ތިބެއްވި ބޭފުޅުންގެ މޫނު މަތީގައި އެތައް އުދާސްތަކެއް ފެންނަން ހުރި ކަމަށެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ދައުރުވި ގޮތް ބަލައި، އެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ލިބުނު މައުލޫމާތުތަކުން ފައިސާ ލިބުނު މީހުންގެ ލިސްޓެއް ފުލުހުން އެކުލަވާލާފައި އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ލިސްޓު އާންމު ކުރުމަށް ރައީސް މުއިއްޒު ފުލުހުންނަށް އަންގަވަން ޔާމީން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަބްދުލްރަހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ރައީސް މުއިއްޒަށް ވެސް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަތައް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރުވެސް މުއިއްޒު އަރިހުގައި ތިއްބެވި ބޮޑުންގެ އެހުރީ ކޮރަޕްޝަން. މިނިސްޓަރު ޒަމީރު އަރިއަތޮޅުން ފަޅެއް އޭނާގެ އަންހެނުންގެ ދޮންބައްޕަގެ ނަމުގައި ނަގައިގެން ލިކިއުޑޭޓްކޮށްފައި ހުރިހާ ފައިސާއެއް އެހުރީ އެކައުންޓުގައި،" ޔާމިން ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބޮޑެތި ކަޅު ފައިސާ ނަގާފައި ހުރި މީހުން އެ ތިބީ ރައީސް އޮފީހުގައި، ވަޒީރުންގެ ގޮތުގައި، މުއިއްޒު ކޮން ވާހަކައެއްތޯ އެ ދައްކަވަނީ،" ޔާމިން ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމުގެ ނިޔަތް ރައީސް މުއިއްޒުގެ އޮތް ނަމަ މިނިވަން ކޮމިޝަނެއް އެކުލަވާލުމަށް ޔާމީން ގޮވާލެއްވި އެވެ. އެކޮމިޝަނުގައި ދައުލަތުގެ ބަންޑާރަ ނައިބާއި ޕްރޮސިކުއުޓަ ޖެނެރަލް ވެސް އިންނަވުން ރަނގަޅުކަމަށާއި ނަމަވެސް ވެރިކަންކުރާ ޕީއެންސީ، ޕީޕީއެމް މެންބަރުން ނޫން ބޭފުޅުން ނުލާ ގިނަބަޔަކު ޝާމިލްވާ ކޮމިޝަނެއް އުފައްދަވަން ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިންގިކަމަށް ބުނާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ލިސްޓު ވެގެންދިޔައީ ސިޔާސީ މައިދާނުގައި ބިރުދައްކަން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގަ އެވެ. އަބަދުވެސް އެތައް ބަޔަކު ބައިވެރިވި ކަމަށް ތުހުމަތުކޮށް ވާހަކަ ދެކެވޭއިރު މިހާތަނަށް އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ރައީސް ޔާމީނަށްށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ.