ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރެއް ޖެހިފައިވާކަން އެނގުމުން ލޯ ނަގަން ޖެހުނު ތުއްތު ކުއްޖަކަށް ޑޮކްޓަރުން ފަރުމާކޮށްފައިވާ ޕްރޮސްތެޓިކްއެއް ލައްވައިފި އެވެ.
އުމުރުން 10 މަހުގައި ލޯ ނަގަންޖެހުނު ނުއާލާ މުލްހޯލަންޑް އަށް ޖެހުނީ އިނގިރޭސިވިލާތުގައި އަހަރަކު ހަ މީހުންނަށް ޖެހޭ ވައްތަރުގެ ކެންސަރެކެވެ.
ކެންސަރު ޖެހުނުކަން އެނގުމުން ނުއާލާގެ މައިންބަފައިންނަށް ޑޮކްޓަރުން ދީފައިވަނީ ދެ އޮޕްޝަންއެކެވެ. އެއް ގޮތަކީ ލޯ އެއްކޮށް ނެގުމެވެ. އަނެއް ގޮތަކީ ބޮޑު ރިސްކެއް ނަގާ ނުއާލާއަށް ރޭޑިއޭޝަން ދިނުމެވެ.
ނުއާލާގެ ޕްރޮސްތެޓިކް ލޯ ފަރުމާކުރުމަށް ޑޮކްޓަރުން ވަނީ އޭނާގެ އެތައް ސްކޭނެއް ހަދާފަ އެވެ. އަދި އެތައް ފޮޓޮއެއް ނަގާފަ އެވެ.
ނުއާލާގެ ލޯ ލައްވާފައި ވަނީ މިދިޔަ ޖޫން މަހު އެވެ. އަދި ލޮލަށް ރަނގަޅަށް ހޭނެންދެން ކޮންމެ ދުވަހަކު ވެސް ދެތިން ގަޑިއިރު ނުއާލާ ލޯ ލައްވައިގެން އުޅުނެވެ.
ނުއާލާގެ މަންމަ ބުނިގޮތުގައި މި ކަމަކީ ވަރަށް ހައިރާންވި ކަމެކެވެ. އަދި މި ލޮލަށް ނުއާލާ އެހާ ފަސޭހައިން ހޭނޭނެ ކަމަށް އެއްގޮތަކަށް ވެސް އުއްމީދު ނުކުރާ ކަމަށެވެ.