ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލް އަތުން 2-0 އިން ރަށުން ބޭރުގައި މޮުޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

މެޗުގެ 25 ވަނަ މިނިޓުގައި އެތުލެޓިކޯ އަށް ލީޑު ލިބުނީ ވިޔަރެއާލްގެ އަލްފޮންސޯ ޕެޑްރާޒާ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެތުލެޓިކޯގެ ޖައޯ ފޭލިކްސް ވަނީ ދެވަނަ ލަނޑެއް ޖަަހައި، އެތުލެޓިކޯގެ ލީޑު ފުޅާކޮށްފަ އެވެ.

މި މޮޅާއެކު އެތުލެޓިކޯ ތާވަލްގެ އެއްވަނައިިގައި އޮތީ 58 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ބާސެލޯނާގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް އެތުލެޓިކޯ ވަނީ ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑް އޮތީ އެތުލެޓިކޯ އަށްވުރެ ހަ ޕޮއިންޓް ފަހަަތުގަ އެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބި އޮތް އެތުލެޓިކޯ އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބޮޑު ފިނިކަމެއް ވަނީ ލިބިފަ އެވެ.