ކޮމިއުނިކޭޝަން މިނިސްޓަރުކަމުން މުހައްމަދު މަލީހު ޖަމާލު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރިއިރު، މަލީހު ދިފާއުކުރަން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާންގަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަލީހު މިނިސްޓަރުކަމުން ވަކިކުރަން މަޖިލީހުން ނިންމެވުމުގެ ކުރިން ރައީސް ސޯލިހު ވަކިގޮތެއް ނިންމެވިތޯ ދެންނެވުމުން މަބްރޫކް ވިދާޅުވީ އެމްޑީޕީގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ފަރާތުން ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި އެ ސިޓީގައި މަލީހު ވަކިކުރަން މެޖޯރިޓީ އޮތް ކަމަށް ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގެ ލިބިފައި އޮތް ލައިނަކީ ރައީސް ވިދާޅުވި ލިބިލައްވާފައި އޮތް ކަމަށް ސިޓީއެއް. އެ ސިޓީގައި މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީ އޮތް ކަމަށް ވިދާޅުވި،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަލީހު ދިފާއުކުރަން ސްޓޭންޑެއް ރައީސް ނަންގަވާފައި ނެތް ކަމަށެވެ.

"މަޖިލީހުން އެގޮތަށް ނިންމެވީ. ރައީސް ވަކި ގޮތެއް ނުނިންމަވާ އޮތީ،" މަބްރޫކް ވިދާޅުވި އެވެ.

މިއީ ރައީސް ސޯލިހުގެ ވެރިކަމުގައި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ހުށަހެޅުމުން އެމްޑީޕީން ވަނީ އެކަން ނާކާމިޔާބުކޮށްލައިފަ އެވެ. އަދި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، އެމްޑީޕީން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވީ ރައީސް ސޯލިހު ފައްޔާޒުގެ ދިފާއުގައި ނުކުމެވަޑައިގެން މަސައްކަތްކުރައްވައިގެންނެވެ.