ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ މެނޭޖްމަންޓުން އެއްވެސް ލިޔެކިޔުން ނެތި ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް މިހާރުގެ މެނޭޖްމަންޓުން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް އެކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ކުރީގެ މެނޭޖްމަންޓުގެ އިސްވެރިން އެދިވަޑައިގެންފި އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި ވާހަކަދައްކަވަމުން އާރްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު ވިދާޅުވީ 2022 ވަނަ އަހަރު 66 މިލިއަން ރުފިޔާ އާއި 2023 ވަނަ އަހަރު 95 މިލިއަން ރުފިޔާ އެއްވެސް ލިޔެކިޔުމެއް ނެތި އާރްޑީސީން އެކި ފަރާތްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މުއާމަލާތްތަކާ ގުޅޭ އެއްވެސް ތަފްސީލެއް ނުވަތަ އިންވޮއިސްއެއް ނެތްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލާގައި އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ) އާއި ކުރީގެ ސީއެފްއޯ ޔާސިރު ހަސަން ސޮއި ކުރައްވައި އިއްޔެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އާރުޑީސީގެ މިހާރުގެ ވެރިން ކޮށްފައި ވަނީ ދޮގު ތުހުމަތެއް ކަމަށެވެ.

އާރްޑީސީގެ ފަރާތުން ވާހަކަ ދައްކާފައި ވަނީ ކުންފުނީގެ ހާލަތާއި ދަރަންޏާ ބެހޭ ގޮތުން އެއްވެސް އޮޑިޓެއް ނުވަތަ އެސެސްމަންޓެއް ހެދުމަކާ ނުލާ ކަމަށާއި އެ ފަރާތްތަކުން ވާހަކަ ދައްކާފައި ވަނީ އެކަށީގެންވާ ވަރަށް ހާލަތު ނުބަލާ ކަމަށް އެ ސިޓީގައި ވެ އެވެ.

އެ ކުންފުނި ހިންގަން އޭރު އިސްކޮށް ތިއްބެވި ބޭފުޅުންގެ ހައިސިއްޔަތުން ކޮމިޓީ އަށް ހާޒިރުވެ، ކަން ހިންގާފައިވާ ގޮތް ވިދާޅުވެ ދެއްވަން ބޭނުންވާ ކަމަށާއި އެފަދަ ފުރުސަތެއް ވީ އެންމެ އަވަހަކަށް ހަމަޖައްސައި ދިނުމަށް މޫކޭ އާއި ޔާސިރު އެދިވަޑައިގަތެވެ.

އަދި މިހާރުގެ މެނޭޖުމެންޓުން އެސްއޯއީ ކޮމިޓީއަށް ހާޒިރުވި ބައްދަލުވުން ކުރިއަށްގެންދިޔައީ ހުޅުވާލެވިގެން ޓީވީތަކުން ވަގުތުން ދުރަށް ދައްކައިގެން ކަމަށްވާތީ މޫކޭ އަދި ޔާސިރު ހާޒިރުވެވަޑައިގަންނަވާ ބައްދަލުވުންވެސް ހުޅުވާލައިގެން ޓީވީތަކުން ވަގުތުން ދުރަށް ދައްކާ ގޮތަށް ކުރިއަށް ގެންގޮސްދިނުމަށް އެ ބޭފުޅުން އެދިވަޑައިގަތެވެ.

މީގެ ކުރިން ވަނ ފުލުހުންނާއި އޭސީސީންވެސް އާރްޑީސީއާ ގުޅޭ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކޮށްފަ އެވެ. އާރުޑީސީގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ވަދެފައިވާކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ.