ހުޅުމާލޭގައި ބޯކޮށުމުގެ ހިދުމަތްދޭ ހަތަރު ތަނެއް ބަލާ ފާސްކޮށް ހަތަރު ތަނެއް ބަންދުކޮށް،، ހަތް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ތަންތަނަށް އަމާޒުކޮށްގެން އިއްޔެ ހިންގި ރެއިޑުގައި ހަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. މީގެތެރެއިން ހަތަރު ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅޭ ހަތް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮންމެ ހަފްތާއަކު ހިންގޭ ރެއިޑް އޮޕަރޭޝަންތަކުގައި މާލެ ސަރަހައްދުގެ އެތައް ތަނެއް ބަލައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންނަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ހާއްސަ އޯޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުން ދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސިން ވަނީ ރާއްޖެއިން ފޮނުވާލައިފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެފަދަ މައްސަލަތައް "އިމިގްރޭޝަން ވޮޗު" އެޕް މެދުވެރިކޮށް ރިޕޯޓު ކުރަމުން ގެންދިޔުމަށް އިލްތިމާސްކޮށްފަ އެވެ.