الحمد لله رب العالمين، وصلاةً وسلاماً على سيد الأنبياء والمرسلين.
އިސްލާމީ ޖީލުތައް އެ އެއްޗެއްގެ މައްޗަށް ބިނާކުރާންޖެހޭ އެއްޗަކީ، އަޚްލާޤީ މާތް ސިފަތަކެވެ. އެ ކަން ކުރާން ބަލާއިރު އެންމެ މޮޅު ގޮތަކަށް އެ ކަން ކުރެވޭނީ ރަނގަޅު ނަމޫނާތަކެއް ދަރީންނަށް ދައްކައިގެންނެވެ. އަދި އިސްވެ ގޮސްފައިވާ ޖީލުތަކުގެ މާތްބޭކަލުންނާއި މަތިވެރި ޞާލިޙުންގެ ނަމޫނާތަކުން އެ ކުދީންނަށް ޢިބްރަތް ލިބިދީގެންނެވެ. އެ ގޮތުން ބަލާއިރު، ނަބީބޭކަލުންނަށް ވުރެ މާތް މަތިވެރި ބޭކަލުންނެއް ދުނިޔެ ދެކެފައެއް ނެތެވެ. އެ ބޭކަލުންނަކީ މާތް اللهގެ ޢިނާޔަތްތެރިކަމުން އެންމެ މަތީ ދަރަޖައަށް އަޚްލާޤީގޮތުންނާއި، ސުލޫކީގޮތުންނާއި، ބުއްދިއާއި ވިސްނުމުގެގޮތުން ވާސިލުވެވަޑައިގެންނެވި ބޭކަލުންނެވެ. އެ ބޭކަލުންނަކީ އުންމަތްތަކަށް ނަމޫނާއަކަށް ވަޑައިގެންނެވި ބޭކަލުންނެވެ. މުޅި އިންސާނިއްޔަތަށް ނަމޫނާއަށް ވަޑައިގެންނެވި ބޭކަލުންނެވެ. އެ ބޭކަލުންނަކީ އެ ބޭކަލުންގެ އެ މަތިވެރި ޚުލްޤުފުޅުތަކާއި މަތިވެރި ސިފަފުޅުތަކުން އަޅުގަނޑުމެން ނަމޫނާ ލިބިގަތުމަށް މާތް الله އަޅުގަނޑުމެންނަށް އަމުރުކުރައްވައިފައިވާ ބޭކަލުންނެވެ.
ތަރުބަވީ މައިދާނަށް ބަލާއިރު، އެބޭކަލުންގެ ނަމޫނާއަށް ވުރެ މަތިވެރި ނަމޫނާއެއް އަޅުގަނޑުމެންނަށް ދަރީންނަކަށް ނުދެއްކޭނެއެވެ.
މާތް الله އެބޭކަލުންނަށް ތަބާވުމަށް އަމުރުކުރައްވައި ވަޙީކުރައްވައިފައިވެއެވެ.
أُولَٰئِكَ الَّذِينَ هَدَى اللَّهُ ۖ فَبِهُدَاهُمُ اقْتَدِهْ ۗ [الأنعام:90]
މާނައީ: "އެ ބޭކަލުންނީ، الله، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެ ބޭކަލުންގެ ތެދުމަގާ ކަލޭގެފާނު ތަބާވެވަޑައިގަންނަވާށެވެ!"
އެހެންކަމުން، މި ލިޔުމުގައި އަޅުގަނޑު ގެނެސްދޭން ބޭނުންވަނީ ބައެއް ނަބީބޭކަލުންގެ ޙަޔާތްޕުޅުން ބައެއް މުހިންމު ތަރުބަވީ މައުގިފުތަކެވެ.
1- މޫސާ ޢަލައިހިއްސަލާމްގެ ވާހަކައިން: އީޖާބީ ސުލޫކުގެ ތަރުބިއްޔަތު
އެންމެ ބާއްޖަވެރި އެންމެ ކާމިޔާބު ބަޔަކީ ނަބީބޭކަލުން ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެބޭކަލުންނަކީ މާތް اللهގެ ނިޔާފުޅަށް އެންމެ ފުރިހަމަ ކިޔަމަންތެރިވެވަޑައިގެންނެވި ބޭކަލުންނެވެ. އެ ބޭކަލުން ފޮނުއްވުނީ ފަސާދަވެ، ހަލާކުވެފައިވާ މުޖުތަމަޢުތައް އިޞްލާޙުކުރެއްވުމަށެވެ. ޝިރުކިއްޔާތާއި ޚުރާފާތުން އަނދިރިވެފައިވާ މުޖުތަމަޢުތައް އަނބުރައި ތައުޙީދުގެ އަލިސާފު މަގަށް ގެނައުމަށެވެ. އެބޭކަލުން ފޮނުއްވުނީ އެ ބޭކަލުންގެ ދަޢުވަތާ ހެދި އެ ބޭކަލުން ޤަތުލުކޮށްލާން ތައްޔާރަށް ތިބި މުޖުތަމަޢުތަކަށެވެ. އެ ބޭކަލުންނަކީ އެންމެ ރަނގަޅު ޞާލިޙުންގެ ގޮތުގައި އެ މުޖުތަމަޢުން ކުރީން ދުށްކަމުގައި ވިޔަސް ތައުޙީދުގެ މަތިވެރި ކަލިމައާއި އަޚްލާޤީ މަތިވެރި ސިފަތަކަށް ގޮވައިލައްވާން ފެއްޓެވުމާ އެކު އިންތިހާއީ ޢާދާވާތްތެރިކަމާއި ދުޝްމިނުކަން ދެއްކި މުޖުތަމަޢުތަކަށެވެ.
އެހެން ނަމަވެސް، އޭގެ ތެރެއިން އެއްވެސް ބޭކަލަކު އެއްވެސް ވަރަކަށް މާޔޫސްވެވަޑައެއް ނުގަންނަވައެވެ. އެ ބޭކަލުން މާތް اللهގެ ރަޙްމަތުން އުންމީދު ކަނޑުއްވައެއް ނުލައްވައެވެ. އެބޭކަލުން ވަޑައިގެންނެވީ އީޖާބީ "ޕޮޒިޓިވް" ސުލޫކެއް ދައްކަވަމުންނެވެ. ކިތަންމެ ހިތްދަތިކަމެއް، ކިތަންމެ ފުއްރަސާރައަކާއި ގޯނާއެއް މުޖުތަމަޢުން ކުރިމަތި ކުރިޔަސް، އެ ކަންކަމާ ވެސް އެބޭކަލުން ކުރިމަތިލައްވަމުން ވަޑައިގެންނެވީ އީޖާބީ ހިނިވަރުނަކުރައްވައިގެން ތިއްބެވި މޫނުފުޅުތަކަކާއިގެންނެވެ.
މިއަދު އަޅުގަނޑުމެންނަށް ވެސް ބޭނުންވަނީ މިފަދަ އީޖާބީ އުސްލޫބުތަކެއް ނޫންތޯއެވެ؟ މިފަދަ އީޖާބީ ސުލޫކުތަކެއް ނޫންތޯއެވެ؟ މުޖުތަމަޢުގައި އަޅުގަނޑުމެން ހިތްނޭދޭ އެތައް ކަމެއް ހިނގަމުން ދާކަން ކަށަވަރެވެ. އަދި އެތައް މުންކަރާތެއް ހިނގަމުންދާކަމީ ވެސް ދެބަސްވެވޭން ނެތް ޙަޤީޤަތެކެވެ. އެހެން ނަމަވެސް، ވިސްނައި ނަޒަރު ހިންގައިލާ އިރު، އެއީ ނަބީބޭކަލުންނާ ކުރިމަތިވެވަޑައިގެންނެވި ކަންކަމުގެ ޒައްރެއްގެ މިންވަރާ ގާތްކުރާ ކަމެއް ނޫންކަން ވެސް އެނގި ހާމަވެއެވެ. ވުމާއެކު، އެބޭކަލުން ވެވަޑައި ނުގެންނެވި މާޔޫސްވުމެއް އަޅުގަނޑުމެން ވާންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯ؟ އަޅުގަނޑުމެން ސިލްބީ "ނެގެޓިވް" ވާންޖެހޭ ސަބަބެއް އެބައޮތްތޯ؟ ނެތްކަން ޔަގީނެވެ. އަޅުގަނޑުމެންނަކީ ނަބީބޭކަލުންގެ ވާރުތަވެރީންނެވެ. ނަބީބޭކަލުންނަށް އިޤްތިދާވެގެން ތިބި މުއުމިނުންނެވެ.
ޤުރްއާނުގައި އެ ނަބީބޭކަލެއްގެ ވާހަކަފުޅު އެންމެ ގިނައިން ވާރިދުވެފައިވާ ނަބީ ބޭކަލަކީ މޫސާގެފާނެވެ. އެކަލޭގެފާނުގެ ވާހަކަފުޅު ޤުރްއާނުގެ ފަންސާހަކަށް ސޫރަތުގައި ވާރިދުވެފައިވެއެވެ. އެއީ ސޫރަތްތަކުގެ ޖުމުލަ އަދަދަށް ބަލާއިރު، ޤުރްއާނުގެ ދެބައިކުޅަ އެއްބައި ސޫރަތްތަކެވެ.
ހަމަ އެހެންމެ، އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަ الله ޢަލައިވަސައްލަމް ވެސް މޫސާގެފާނުގެ ވާހަކައިން ޞަޙާބީބޭކަލުންނަށް ވަރަށް ގިނައިން ހިތްވަރުދެއްވައި އުޅުއްވިއެވެ. ޚާއްޞަކޮށް މައްކީ ދައުރުގައެވެ. މުސްލިމުން އެންމެ ނިކަމެތި ހާލުގައި ތިބި ދުވަސްވަރުގައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައެވެ.
"رَحِمَ اللهُ أَخِي مُوْسَى أُوْذِيَ بِأَكْثَر مِنْ هَذَا فَصَبَرَ" މާނައީ، މާތް الله ތިމަންކަލޭގެފާނުގެ އަޚާ މޫސާގެފާނަށް ރަޙްމަތްލައްވާށިއެވެ. އެކަލޭގެފާނަށް މިއަށް ވުރެ ބޮޑެތި ކަންކަމާ ކުރިމަތިވެވަޑައިގަތެވެ. އެހެން ނަމަވެސް، އެކަލޭގެފާނު އެ ކަންކަމަށް އެންމެ ފުރިހަމައަށް ކެތްތެރިވެވަޑައިގެންނެވިއެވެ."
މާތް الله ކީރިތި ޤުރްއާނުގައި މޫސާ ޢަލައިހިއްސަލާމާ ބެހޭގޮތުން ވަޙީކުރައްވައިފައިވެއެވެ.
نَتْلُو عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِالْحَقِّ لِقَوْمٍ يُؤْمِنُونَ ﴿٣﴾ [القصص: 3]
މާނައީ: "އީމާންވާ ބަޔަކަށްޓަކައި މޫސާގެފާނާއި، ފިރްޢައުނުގެ ވާހަކައިން ޙައްޤު ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ."
މޫސާގެފާނުގެ ޙަޔާތްޕުޅާ މެދު ވާރިދުވެފައިވާ ވާޤިޢާތުތަކުގެ ވާހަކަ އަޑުއަހައިލުމުން އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދާނޭކަން ކަށަވަރެވެ. އެކަލޭގެފާނަކީ އެންމެ ޢަޒްމު ވަރުގަދަ، ފަސް ރަސޫލުބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ.
މޫސާގެފާނު އުފަންވެޑައިގެންނެވީ ވަރަށް ބޮޑަށް ފަސާދަވެފައިވާ މުޖުތަމަޢަކަށެވެ. ފިރްޢައުނުގެ ނުބައި ނުލަފާ ޒުލްމީ ރަސްކަމުގެ ދުވަސްވަރެވެ. ބަނޫ އިސްރާއީލުގެ ކުޑަކުދީން މަރައި، އެބައި މީހުން ނިކަމެތިކުރަމުން ދިޔަ ދުވަސްވަރެވެ. ބަނޫ އިސްރާއީލަށް އުފަންވާ ކޮންމެ ފިރިހެން ކުއްޖެއް މަރައިލުމަށް އޭނާ ވަނީ ރަސްމީ އަމުރެއް ނެރެފައެވެ. އަންހެން ކުދީން ނުމަރައި، އޭނާގެ ގަނޑުވަރާއި އޭނާގެ ރަސްކަމުގެ ޚާދިމުންގެ ގޮތުގައި ކަނޑައެޅުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. ބަނޫ އިސްރާއީލުގެ މީސްތަކުން އޭނާ ނިކަމެތިކުރީ އެކަންޏެއް ނޫނެވެ. އޭނާގެ ޒުލްމުގެ ހައްދެއް ނެތް މިންވަރަކީ އެންމެ ފަހުން ރައްބުވަންތަކަމަށް ވެސް އޭނާ ދަޢުވާކުރީއެވެ. އޭނާ ބުނެ އުޅުނެވެ. ތިޔަބައިމީހުންގެ އެންމެ ބޮޑު ކަލާނގެއަކީ ތިމާންނާއެވެ. އެ ވަރުން ވެސް ފުއްދައިލީއެއް ނޫނެވެ. އޭނާގެ އަނިޔާވެރިކަމާއި ކިބުރުވެރިކަމުގެ ހައްދެއް ނެތް މިންވަރަކީ، އޭނާގެ އެންމެ އިސްވަޒީރު ނުބައި ނުލަފާ ހާމާނަށް އޭނާ އަމުރުކުރިއެވެ. އޭ ހާމާނެވެ! ބޮޑުވެގެންވާ އުސް ފާރެއް ރާނާށެވެ. ތިމަން ބޭނުންވަނީ މޫސާގެފާނުގެ އިލާހަކީ ކާކުތޯ އޭގެ މައްޗަށް އަރައި ބަލާށެވެ. ދެން މިފަދަ ޒުލްމީ އަނިޔާވެރި ރަސްކަލެއްގެ މުޖުތަމަޢުގައި ކަންކަން އޮންނާނެ ގޮތް ތަޞައްވަރުކޮށްލައްވާށެވެ.
މި ބީދައިން ބަލާއިރު، މޫސާގެފާނު އުފަންވެވަޑައިގެންނެވީ ވެސް އެކަލޭގެފާނު ޤަތުލުކޮށްލުމަށް ފިރުޢައުނުގެ ރަސްމީ އަމުރެއް އައިސްފައި ވަނިކޮށެވެ. އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނާއިގެން ރައްކައުވެވަޑައިގެން އިންނެވި ދުވަސްވަރު ފިރްޢައުނުގެ ލަޝްކަރުގެ މީހުން މޫސާގެފާނުގެ މަންމާފުޅުގެ ގޭގެ ދޮރުގެ ޓަކި ޖެހިއެވެ. އެ ގޭގައި ކުޑަ ކުއްޖަކު އުފަންވާން އުޅޭކަމުގެ ޚަބަރު ލިބިގެންނެވެ. އެހެން ނަމަވެސް، މާތް الله އެކަމަނާއަށް އިލްހާމުކުރައްވައިފައިވާ ގޮތަށް އެ ކަމަނާ ވަނީ ކަންތައް ކުރައްވައި، އެކަލޭގެފާނު ކޯރުގެ ތެރެއަށް އެއްލައިލައްވައިފައެވެ. އެބައި މީހުން ގޭގެ ދޮރު ވައްޓައިލައިފައި ވަންއިރު މޫސާގެފާނެއް ފެންނާކަށް ނެތެވެ.
އެބައި މީހުން ބަނޫ އިސްރާއީލް މީހުންގެ ގޭގޭގެ ދޮރުތައް ވައްޓައިލައި ދަރީންތައް މަރަމުން ދިޔައިރު ވެސް އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ބުނެލަން ވެސް ނުކުރޭހައި ނިކަމެތި ކުރެވިފައިވާ ބައެއްގެ ގޮތުގައި ބަނޫ އިސްރާއީލުގެ މީހުންވިއެވެ. މައިންބަފައިންގެ އަތުގައި އޮންނަ ދަރި ޖަހައިގަނެގެން އެބައިމީހުންގެ ލޯމަތީގައި މަރައިލާ އިރު އެބައިމީހުންނަށް އެންމެ ޙަރަކާތެއް ވެސް ކުރާން ނުކުރޭހައި އެބައި މީހުންވީ ނިކަމެތިކުރެވިފައެވެ. މޫސާގެފާނު އުފަންވެވަޑައިގެންނެވީ މިފަދަ މުޖުތަމަޢަކަށެވެ. އެކަލޭގެފާނުގެ މީސްތަކުންނަކީ އެންމެ ނިކަމެތިކުރެވިފައިވާ މީސްތަކުންގެ ގޮތުގައި ވަނިކޮށެވެ. އެހެން ނަމަވެސް މި އިން އެއްވެސް ކަމަކީ އެކަލޭގެފާނު މާޔޫސްވެވަޑައިގަންނަވާން މެދުވެރިކުރުވި ކަމެއް ނޫނެވެ. އެކަލޭގެފާނު ކަލާނގެ ޙަޟްރަތަށް ކުރައްވަމުން ގެންދެވި އުންމީދުތައް ފުނޑުފުނޑުވެގެން ދިޔަ ސަބަބަކަށް ވެސް މި ކަންތައްތަކެއް ނުވެއެވެ.
ފިރްޢައުނުގެ ނުބައި ރޭވުންތަކަށް ވުރެ މާތް اللهގެ ރޭއްވެވުން މާ މޮޅެވެ. އެ އިލާހު މޫސާގެފާނު ރައްކައުތެރިކުރައްވައި، އެކަލޭގެފާނު ބޮޑުފުޅުވީ ވެސް ފިރްޢައުނުގެ އަހުލުންގެ ކައިރީގައެވެ. މާތް اللهގެ ފުރިހަމަ ޢިނާޔަތްތެރިކަމާއި ބެއްލެވުމުގެ ދަށުންނެވެ.
މާތް الله ވަޙީކުރައްވައިފައިވެއެވެ.
إِذْ أَوْحَيْنَا إِلَىٰ أُمِّكَ مَا يُوحَىٰ ﴿٣٨﴾ أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَىٰ عَيْنِي ﴿٣٩﴾ [طه: 38-39]
މާނައީ: "ތިމަންރަސްކަލާނގެ ކަލޭގެފާނުގެ (އެބަހީ، މޫސާގެފާނުގެ) މަންމާއަށް އިލްހާމުކުރެއްވި ހިނދެވެ. (38) ފޮށީގެ ތެރެޔަށް އެ ދަރިކަލުން ލައްވާށެވެ! އަދި (ނޭލު) ކޯރުގެ ތެރެޔަށް އެ ފޮށި އެއްލައިލައްވާށެވެ! ދެން ކޯރު، އެ ފޮށި، ގޮނޑުދޮށަށް ލައްގުވާނެތެވެ. (އޭރުން) ތިމަންރަސްކަލާނގެ ޢަދުއްވު، އަދި އެ ދަރިކަލުންގެ ވެސް ޢަދުއްވު އެ ފޮށި ނަގާނެތެވެ. އަދި ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ލޯބިލެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން ކަލޭގެފާނު ބޮޑުފުޅުވުމަށެވެ. (39)"
މިފަދަ މަތިވެރި އީޖާބީ ތަރުބިއްޔަތެއްގައި މޫސާގެފާނު ބޮޑުފުޅުވެ، އެކަލޭގެފާނަކީ ވެސް އީޖާބީ ބޭކަލަކަށް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މާތް الله އާ މެދު އޮތް ޔަގީންކަމެވެ. ފިރްޢައުނުގެ ލަޝްކަރު ފަހަތުން އައިސް މޫސާގެފާނާއި ބަނޫއިސްރާއީލުގެ މީހުންނާ އަރައި ހަމަވި އިރު، ކުރިމަތީގައި އޮތީ ބޮޑު ބިޔަ ކަނޑެވެ. ބަނޫ އިސްރާއީލްގެ މީހުން މާޔޫސްވެ ފިރްޢައުނު އެބައިމީހުންގެ ދުވަސްދުއްވައިލާނޭ ކަމަށް ހީކުރެވުނު ދަނޑިވަޅުގައި ވެސް މޫސާގެފާނު ވިދާޅުވީ، ތިމަންކަލޭގެފާނާ އެކުގައި ވަނީ މާތް اللهއެވެ. އެ އިލާހު ތިމަންކަލޭގެފާނަށް މަގު ދައްކަވާނެ ކަމަށެވެ.
މި ވާޤިޢާތަށް އިޝާރާތްކުރައްވައި މާތް الله ވަޙީކުރައްވައިފައިވެއެވެ.
لَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ ﴿٦١﴾ قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ ﴿٦٢﴾ [الشعراء:61-62]
މާނައީ: "ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނުހިނދު، މޫސާގެފާނުގެ އަޞްޙާބުން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ. (61) އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާ އެކު (ނަޞްރު ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ. (62)"
މީގެ އިތުރުން ވެސް މޫސާގެފާނުގެ މަތިވެރިކަމާއި، އެކަލޭގެފާނު މާތް اللهގެ ރުއްސެވުން ހޯއްދެވުމަށް އަވަސްވެވަޑައިގެން ހުންނެވި މިންވަރު ކީރިތި ޤުރްއާނުގައި މާތް الله ބަޔާންކުރައްވައިފައިވެއެވެ.
۞ وَمَا أَعْجَلَكَ عَن قَوْمِكَ يَا مُوسَىٰ ﴿٨٣﴾ قَالَ هُمْ أُولَاءِ عَلَىٰ أَثَرِي وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ ﴿٨٤﴾ [طه : 83 – 84 ]
މާނައީ: "އޭ މޫސާގެފާނެވެ! ކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވުރެ އަވަސްވެވަޑައިގެން ވަޑައިގަންނަވަން ޖެހުނީ ކީއްވެގެންތޯއެވެ؟ (83) އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މި އަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މި އަޅާއަށް) ރުއްސެވުން އިތުރުވުމަށް ޓަކައެވެ. (84)"
އަޅުގަނޑުމެން ހިފާންވީ މިފަދަ މަތިވެރި ސިފަތަކުގައެވެ. އަޅުގަނޑުމެން ތަބާވާންވީ މިފަދަ މަތިވެރި ނަބިއްޔުންގެ މަންހަޖަށެވެ. އެ ބޭކަލުންގެ ވާހަކަފުޅުތައް މާތް الله ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވަނީ އަޅުގަނޑުމެން އެ ކަމުން ޢިބްރަތް ލިބިގަތުމަށެވެ. އެ ބޭކަލުންނަށް އިޤްތިދާވުމަށެވެ.