އިންޑިއާއާ އެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ގައުމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި 28 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ހަވާލުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ އިންޑިއާ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.
އިންޑިއާއާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައިއޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިއޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކުރައްވުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރުއަދާކުރައްވާފަ އެވެ.
އިންޑިއާގެ ހާރިޖީވަޒީރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާއިރު، މީ ރާއްޖެއާ އިންޑިއާގެ ގުޅުން ހީނަރުވިފަހުން އިންޑިއާގެ އިސް އޮފިޝަލަކު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ވާއިންޑިއާއާ ބޮޑަ ގުޅުން ހީނަރުވެފައިވަނީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރުމާއި ގުޅިގެންނެވެ.
އެދުވަސްވަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ރާއްޖެ ކިތަންމެ ކުޑަވިޔަސް އެއީ ރާއްޖެއަށް ބުލީކުރުމަށް ދެވޭ ލައިސެންސް ނޫންކަމަށް ވިދާޅުވެ އިންޑިއާއަށް ފާޑުވިދާޅުވެފަ އެވެ. މިކަމާއި ގުޅިގެން ޖަޔަޝަންކަރު ވަނީ ރައީސަށް ރައްދު ދެއްވާފަ އެވެ. އިންޑިއާގެ މީޑިއާ އަކަށް ދެއްވި އިންޓަވިއު އެއްގައި އަވަށްޓެރި ގައުމުތަކަށް ދަތިތަކެއް ކުރިމަތިވުމުން އެކަންކަން ހައްލުކުރުމަށް ބުލީކުރާ ފަރާތްތަކުން 4.5 ބިލިއަން ޑޮލަރުގެ އެހީ ނުދޭނެކަމަށް ވިދާޅުވެ އޭނާ ވަނީ ރައީސަށް ރައްދު ދެއްވާފަ އެވެ.