މެޗުގެ ފަހު ވަގުތު ރެއާލް މެޑްރިޑްގެ ވިނީސިއަސް ޖޫނިއާ ޖެހި ލަނޑާއެކު، ސްޕެއިންގެ ލަލީގާގައި ރޭ ރެއާލް އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ކޮންޓުރޯލްކުރީ ރެއާލުންނެވެ. ރަނގަޅު ފުރުސަތުތަކެއް ވެސް ރެއާލުން ހޯދި އެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، މެޗުގެ 55 ވަނަ މިނިޓުގައި ސޮސިއެޑާޑުން ލީޑު ނެގީ ޕޯޓޫ ޖެހި ލަނޑުންނެވެ.

ރެއާލުން މެޗުން ޕޮއިންޓެއް ހޯދީ 89 ވަނަ މިނިޓުގައި ވިނީސިއަސް ޖެހި ލަނޑުންނެވެ. މިއީ ރެއާލަށް އޭނާ ކުޅުނު 100 ވަނަ މެޗެވެ.

މި މެޗުން އެއްވަރުވުމުން، ރެއާލަށް ވަނީ ތާވަލްގެ ދެވަނަ އަށް ޖެހިލައި، އެއްވަނައިގައި އޮތް އެތުލެޓިކޯއާދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. – ބީބީސީ