ދައުލަތުގެ މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ރާއްޖެ ޓީވީގައި މަސައްކަތް ކުރައްވާ ނޫސްވެރިޔާ މުހައްމަދު ފަޒީނަށް މަޖިލީހުން ރުހުންދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމައި ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވި ދެ ނަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމާއި، ވީޓީވީގައި މަސައްކަތް ކުރައްވާފައިވާ ޝިފްޒާ މުސްތަފާގެ ނަމެވެ.

ބްރޯޑްކޮމަށް ފަޒީން އައްޔަން ކުރުމަށް ރުހުން ދީފައިވަނީ މަޖިލީހުގެ 55 މެމްބަރުންގެ ވޯޓުންނެވެ. މި ދެ ބޭފުޅުންގެ ތެރެއިން ފުރަތަމަ ވޯޓަށް އެހުނު ފަޒީނަށް މަޖިލީހުން ރުހުން ލިބުމުން މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޝިފްޒާ މުސްތަފާގެ ނަމަށް ވޯޓަށް އަހާކަށް ނުޖެހޭނެ އެވެ.

މި މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލިހަށް ނަންތައް ފޮނުއްވާފައިވާ ތަރުތީބަށް ބަލާއިރު އެންމެ ފުރަތަމަ ނަމަކަށް އޮތީ ވެސް ފަޒީންގެ ނަމެވެ. އަދި ދެވަނައަށް އޮތީ ޝިފްޒާގެ ނަމެވެ. ޖުމްލަ 11 ނަމެއް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައިވެ އެވެ. މަޖިލީހުން ފަޒީން ބްރޯޑްކޮމްއަށް އައްޔަން ކުރުމަށް ރުހުން ދީފައިވާއިރު ނޫސްވެރިކަމުގެ ދާއިރާއިން އޭނާއަށް ލިބިފައިވަނީ 8 އަހަރުގެ ތަޖުރިބާ އެވެ. އަދި ޝިފްޒާ 14 އަހަރުގެ ތަޖުރިބާއާއެކު ނޫސްވެރިކަމުގެ އެވޯޑާއި ރެހެންދި އެވޯޑު ވެސް ހާސިލްކޮށްފައިވެ އެވެ.

ކުރީ ސަރުކާރުގައި ސިޔާސީ ފަރާތްތައް ނުވަތަ ސަރުކާރުގެ އެކްޓިވިސްޓުން ބްރޯޑްކޮމްއަށް އައްޔަންކޮށްފައިވާ ކަމަށް އަޑު އުފުލި އެމްޑީޕީން މިހާރު ބްރޯޑްކޮމްއަށް އައްޔަންކުރާ ގިނަ މެމްބަރުންނަކީ އެމްޑީޕީއާއި ސިޔާސީ ގޮތުން ފިކުރު ދިމާވާ ނުވަތަ އެކްޓިވިސްޓް ލެވެލްގެ މީހުންނެވެ. އެގޮތުން އެކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއަކީ ރައީސް ނަޝީދުގެ ގާތް، އެމްޑީޕީގެ ބިލެތްދޫ ދާއިރާއިގެ މެމްބަރު އަޙްމަދު ޙަލީމްގެ ކޮއްކޮ އެވެ. އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފްއާއި އެމްޑީޕީގެ އެކްޓިވިސްޓް އަޙްމަދު ގައިސްއަކީ ވެސް މިހާރު އެކޮމިޝަންގެ މެމްބަރުންނެވެ. ގައިސްއަކީ އެ ކޮމިޝަންގެ ނައިބު ރައީސް އެވެ.