ރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދިވެހި ސަރުކާރުން ތުރުކީއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ދެ ގައުމުގެ މެދުގައި ސޮއިކުރީ ވާޗްއަލްކޮށް މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަމަންޓަރު މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ
އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ، ފެނާއި ނަރުދަމާ ނިޒާމް އިތުރަށް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަޖްރިބާ ދެ ގައުމު ދެމެދުގައި ބަދަލުކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
އޭގެ އިތުރުން މި ދާއިރާއާ ގުޅޭ ބައިނަލްއަގުވާމީ ކޮންފަރަންސްތަކުގައި ދެގައުމުން ގުޅިގެން ބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުންވެސް މި އެއްބަސްވުމުގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ގިނަ މަސައްކަތްތަކެެއް ކުރެވިގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.