ތިލަފުށީގެ ކުނިގޮނޑުގައި އަލިފާން ރޯވުމާއި މެހި އާލާވުން ފަދަ މައްސަލަތައް ކުރިމަތިނުވާ ގޮތަށް ގޮނޑުތަކުގެ މައްސަލަ ރަނގަޅަށް ހައްލުވާނީ 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. ހުސެއިން މިހެން ވިދާޅުވީ، ތިލަފުށީގައި މެހި އާލާވެ، ދުން އެރުމުގެ މައްސަލައާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް އެ މައްސަލަ ހައްލެއް ލިބިފައިނުވަނީ މީގެ ކުރިން އެކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމުން ސަބަބުން ކަމަށެވެ.

"ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިނުވެ، މިނިސްޓްރީން ޕްލޭން ކޮށްފައިވާ ގޮތަށް، ތިލަފުށީގެ ކުނި މެނޭޖްކުރާ މަޝްރޫއު ކުރިއަށް ގެންދެވިއްޖެ ނަމަ 2023 ވަަނަ އަހަރުގެ ފަހު ކުއާޓާގައި ތިލަފުށީގެ މި ކުނީގެ މައްސަލައަށް އިރާދަކުރެއްވިއްޔާ އެދެވޭ ހައްލެއް ލިބޭނެ،" ޑރ. ހުސެއިން ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، މެހި އާލާވެ ދުން އެރުމުގެ މައްސަލަ ހައްލުކުރުމަކީ ނިސްބަތުން ބޮޑު، އަދި ހަރަދުވެސް ބޮޑު މަސައްކަތެއް ކަމަށާއި، ތިލަފުށީ ކުނިގޮނޑަކީ އޭގެ އަމިއްލަ ޒާތުގައިވެސް ހުޅު ރޯވެ، އަނދަމުންދާ ތަނަކަށްވާތީ އެކަމަށް ޚާއްސަ މެޝިނަރީ ނެތި، އެކަން ހައްލު ނުވާނެ ކަމަށެވެ.

"އެތަނަކީ ބަޔޯޑީގްރޭޑަބަލް ކުނި ޖަމާކުރަމުންދާ ތަނެއް. އެހެންކަމުން މިފަދަ ތަކެތި ކުނިވެ ފަނާވެ ދިއުމުގައި އުފެދޭ ފުޅައިގެ ސަބަބުން މެހި އާލާވޭ. އަދި އަށަގަންނަ ބެކްޓީރިއާގެ ސަބަބުން ކުނިގޮނޑުގެ އެކި ހިސާބުތަކުގައި މީތެއިން ގޭސް އުފެދޭ. އޭގެ ސަބަބުން އަލިފާން ރޯވަމުން ދާކަން ވަނީ ފާހަގަކުރެވިފައި."

މިނިސްޓަރު ވިދާޅުވި މިހާރު އެތަނުގެ ހާލަތު އޮތްގޮތުން ފެން އަޅަގައިގެން އަލިފާން ނިއްވުމަކީ އޭގެ ނުރައްކާ ބޮޑު ކަމެއް ކަމަށެވެ. އަދި، އެ މައްސަލައަށް ހައްލެއް ގެނެވިފައިނުވަނީ އެކަން ކުރުމަށް މިދިޔަ އަހަރު ގެނައުމަށް މަސައްކަތްކުރި މެޝިނާރީތަކާއި އާލާތްތައް ކޯވިޑްގެ ސަބަބުން ނުގެނެވުމުގެ ސަބަބުން ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

ނަމަވެސް މިހާރު އޭގެ ތެރެއިން ގިނަ މެޝިންތައް ރާއްޖެ ގެނެވިފައިވާ ކަމަށާއި، ބާކީ ހުރި ތަކެތި މެއި މަހުގެ ނިޔަލަށް ރާއްޖެ ގެނެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މެޝިނަރީތައް ރާއްޖެ ގެނެވި މަސައްކަތް ފެށުމުން މިއަހަރުގެ ނިޔަލަށް ތިލަފުށިން ދުން އަރާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

1997 ވަނަ އަހަރުން ފެށިގެން ތިލަފުށްޓަށް ކުނި ޖަމާކޮށް ކުނި އަންދަމުން އަންނައިރު، އެކަމުގެ ސަބަބުން ދުން އަރައި މެއްސާއި އެނޫންވެސް ތަކެތީގެ އުނދަގޫ ވަނީ ބޮޑުވެފަ އެވެ. މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުނިގެންދާ ތިލަފުށްޓަށް ކުނި ގިނަވެ، އެސަރަހައްދުގެ ތިމާވެށްޓަށް ވެސް އަންނަނީ ނޭދެވޭ އަސަރުކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ތިލަފުއްޓަކީ މާލެ އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް (ޒޯން 2) ގައި ހިމެނޭ އަތޮޅުތަކުގެ ކުނި މެނޭޖްކުރާ ފެސިލިޓީ ގާއިމްކުރަން ހަމަަޖެހިފައިވާ ތަން ކަމަށާއި އެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފެސިލިޓީ ގާއިމްކުރަނީމިހާރު ވެސް އޮތް ގޮނޑު ހިމެނޭ ގޮތުން 25 ހެކްޓަރުގެ ސަރަހައްދެއްގައި ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

ގްރޭޓާ މާލެ ސަރަޙައްދުން އެކަނިވެސް ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި ތިލަފުއްޓަށް އުފުލާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ކައިރި ރިސޯޓުތަކުން ގެންނަ ކުންޏާއެކު ދުވާލަކު އެވްރެޖްކޮށް 1،000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދެ އެވެ.