ހެދިކާއެއްގެ ތެރޭގައި އޮތް ފުޅިތޮށިގަނޑެެއް ކެވި ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެެވެ.
އިއްޔެ ގދ. ތިނަދޫ ފިހާރައަކުން ގަތް ހެދިކާއެއް ކައިގެން ވަނީ ކުޑަ ކުއްޖެއްގެ އަނގަ ކަފައިގެން ގޮސްފަ އެވެ.
މިވާހަކައާއެކު އެ ރަށު މީހަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އެކަމާ ގުޅޭ ފޮޓޯތަކެެއް ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ މިކަން ދިމާވީ އޭނާގެ ކޮއްކޮއަކަށް ކަމަށެވެ.
ކުއްޖާގެ އަނގައިން ލޭ ފައިބާ މަންޒަރު ފެންނަ ފޮޓޯއަކާއި އެ ކުއްޖާ ކެއި ހެދިކާއާއެކު އޭގެ ތެރެއިން ފެނުނު ފުޅިތޮށިގަނޑުގެ ފޮޓޯއެއް ވެސް އޭނާ ހިއްސާކޮށްފައިވެ އެވެ.
އެ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކާއެއްޗިހި ތައްޔާރުކޮށް ވިއްކާ ފަރާތްތަކުން ސާފުތާހިރުކަމަށް ސަމާލުކަންދިނުމަށް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ.
ދާދިފަހުން މާލެ ގައި ގަވައިދާ ހިލާފަށް ހިންގަމުން ގެންދިޔަ ބިދޭސީން ހިންގާ ކާބޯތަކެތި ވިއްކާ ވިޔަފާރި ތަކެއް އިމިގްރޭޝަނުން ހުއްޓުވިއިރު ފެނުނީ އެތައް ބަޔަކު ސިއްސުވާލި މަންޒަރުތަކެކެވެ. އާންމުކޮށް ދިވެހިން ގަނެއުޅޭ ތެތްލިފަތް، މަސްމިރުސް، ފޯއް ޕެކެޓް އަދި އެކިކަހަލަ ހެދިކާގެ ބާވަތްތައް ތައްޔާރުކޮށް ވިއްކަމުން ދިޔައީ ސާފުތާހިރުކަން ކުޑަ ވަރަށް މުޑުދާރު ތަންތާނގަ އެވެ.
މީގެން ހާމަވީ ކަމާގުޅުންހުރި އިދާރާތަަކަށް ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަށް ރަނގަޅަށް މޮނިޓާ ނުކުރެވޭ ކަމެވެ.