ބުޅާ މަހަކީ ހަރާމް އެއްޗެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބިދޭސީއަކު ބުޅާމަހުން ކާތަކެތި ތައްޔާރުކުރި މައްސަލައެއް ފެންމަތިވެ، އޭނަ ހައްޔަރުކޮށް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ޝެއިހް ސަމީރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުޅާ މަހަކީ ހަރާމް އެއްޗެއް ކަމަށެވެ. އަދި ބުޅާ މަސް ކެއުމާއި ގަނެ ވިއްކުން ހަރާމް ވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް ނޭނގި ބުޅާ މަސް ކެއުމަކުން ފާފަވެރިއެއް ނުވާނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ބުނާ މީހާއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ދައުރުވަމުން އަންނައިރު، އެ ވީޑިއޯގައި ބުނަނީ އެ މީހާއަކީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށްގެން ރަޖިސްޓްރީ ކުރުމެއް ނެތި ވިޔަފާރި ކުރަމުންދާ ބިދޭސީއެއް ކަމަށެވެ.

ފުލުހުން އިއްޔެ ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރަނީ އަރަފާތު ހުސައިން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެއްގެ މައްޗަށެވެ.

ބުޅާ މަހުން ހަދާފައި ހުރި ކާނާ ފިހާރަތަކުގައި ވިއްކާކަމަށް ވެސް އަޑުފެތުރި އަދި އާންމު ވެފައިވާ އިތުރު ވީޑިއޯތަކުން ވެސް އެކަމަށް ބާރުލިބޭ މަންޒަރުތައް ފެނިފައިވާއިރު މި މައްސަލަ ބެލުމަށް މާލޭގެ ގިނަ ބަޔަކު މިހާރު ވަނީ ގޮވާފަ އެވެ.