ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ މުޑުދާރު ތަނެއްގައި ބިދޭސީން ފޯއް ކޮށައި ވިއްކުމަށްޓަކައި ޕެކް ކުރަމުން ގެންދިޔަ މަންޒަރެވެ. ހަމަ އެއާއެކު އެފަދަ އެހެން ފޮޓޯއެއްގައި ފެނުނީ ފެނުމުން ހޮޑު ލެވޭފަދަ ނުސާފު ތަނެއްގައި ތޮޅި މިރުސް ހިއްކައި ޕެކް ކުރުމުގެ މަސައްކަތް ކުރިޔަށް ދިޔަ ތަނެވެ. އެވާހަކަތައް އާންމުން ދެއްކި އެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުކުރި އެވެ. އެކަމާ ސަރުކާރުން ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ.
ސަރުކާރުން އެއިން ކަމަކާ ނުބެހި އުޅެނިކޮށް އާންމުން އަނެއްކާ ވެސް ފެންމަތިކޮށްލީ ނުރައްކާތެރިކަން ބޮޑު ބިރުވެރި މައްސަލައެކެވެ. އެތައް ބައެއްގެ ކެއުމަށްޓަކައި ކާނާ ތައްޔާރު ކުރާ މީހަކު، މާލެ ތެރެއިން ބުޅާ ހިފައި އެތަކެތިން ކާބޯ ތަކެތި އުފައްދައިގެން ވިއްކާ ވާހަކަ އެވެ.
އެ ވާހަކައާ ގުޅިގެން އިމިގްރޭޝަނުން މިހާރު ވަނީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރާކަމަށް ޝައްކު ކުރެވޭ މީހާ ހޯދައި ހައްޔަރު ކޮށްފަ އެވެ. ސުވާލަކީ ދިވެހި ރައްޔިތުންގެ ސިއްހަތާއި، އަގީދާ އާއި، ގުޅުން ހުރި ނުބައި ޖަރީމާއެއް ހިންގި މީހަކު ހިފާ ހައްޔަރުކުރަން ދާން ޖެހެނީ އިމިގްރޭޝަނުން ހެއްޔެވެ؟
އަރަފާތު ހޮސައިން ނަމަކަށް ކިޔާ ބަނގްލަދޭޝްގެ ފިރިހެން މީހާ ހައްޔަރު ކުރުމަށްފަހު އޭނާގެ އަވަށްޓެރިން މީޑިއާތަކަށް ކިޔާ ދިން ގޮތުގައި ގަވާއިދާ ޚިލާފު ނުރައްކާ އެތައް ކަމެއް އަރަފާތު ހިންގަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ މައްސަލައިގައި އުފެދިފައި އޮތް ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ވާހަކަ ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ފަރާތަކާ ހިއްސާކުރި ކަމުގައި ވެސް އެމީހުން ވަނީ ބުނެފަ އެވެ.
މުޑުދާރު ކަންމަތީ ކާބޯތަކެތި ތައްޔާރުކޮށް، އެފަދަ ތަކެތި ވިއްކާ ވާހަކަ، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާ ބެހޭ އިދާރާއަށް ހުށަހެޅި އެވެ. ރައްކާތެރިކަމެއް ނެތި ގޭސް ސިލިންޑަރުތައް ބޭނުންކޮށްގެން ކެއްކުމުގެ މައްސަލަ ފުލުހަށް ހުށަހެޅި އެވެ. ފުލުހުންގެ އިރުޝާދުގެ ދަށުން އެމައްސަލަ ސިފައިންނާ ހަމަޔަށް ވެސް ގެންދިޔަ ކަމުގައި އެމީހުން ބުންޏެވެ. އެ ހުރިހާ ޝަކުވާއެއްގެ އިތުރުން ބުޅާ ހިފައި އެއަށް ގޯނާކޮށް ހަދާކަމުގެ ޝަކުވާ ވެސް ހިމެނޭހެން ސިޓީ ކައުންސިލަށް ވެސް މައްސަލަ ހުށަހެޅި އެވެ.
ސިޓީ ކައުންސިލުން ގޮސް ތަން ބަލައި ހެދި ކަމުގައި ވެސް އަވަށްޓެރިން ބުންޏެވެ. އެހެން ނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ބޭރުމީހުންގެ މައްސަލަ ބެލުމުގެ ޒިންމާ އޮންނަ އިމިގެރޭޝަނުން ގޮސް އެމީހާ ހިފެހެއްޓުމާ ހަމަޔަށް ވެސް ބުޅާ މަރައި އެ މަހުން ނުތާހިރު ބަދިގެއެއްގައި ކާނާ ތައްޔާރުކޮށް އެތައް ބަޔަކަށް ކާންބޯން ދިނުމުގެ މަސައްކަތް ދިޔައީ ކުރިއަށެވެ.
ކަންތައް ނިމި ދިޔަ ގޮތުން މިހާރު އާންމުން ކުރާ ސުވާލަކީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޔަގީންކަން އޮތީ ކިހާ މިންވަރަކަށް ހެއްޔެވެ.
ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރުމުގެ ވާހަކަ ފެންމަތިވުމުގެ ކުރިން ވެސް ގިނަ ބަޔަކު ދިޔައީ ކަންމަތީ ފިހާރަތަކަށާއި އެނޫންވެސް ކާބޯތަކެތި ވިއްކާ ތަންތަނަށް އެތަކެތި ތައްޔާރު ކުރާ މީހުންނާއި ތަންތަނުގެ ސާފުތާހިރުކަމާމެދު ސުވާލު އުފައްދަމުންނެވެ. ޚާއްސަކޮށް ބޭރު މީހުން އެމަސައްކަތް ކުރާ ގޮތާ މެދު އެވެ. އެފަދަ ކާނާ އުފައްދާ ތަންތަނާއި އެ ގެންގުޅޭ ގޮތް ސިފަކޮށްދޭ ފޮޓޯތަކާއި ވީޑިއޯތައް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ދިޔައީ ފެތުރެމުންނެވެ. އެއިން އެއްވެސް ކަމަކަށް ސަރުކާރުން އެޅި ފިޔަވަޅެއް ނެތެވެ.
ބުޅާ މަހުން ކާބޯތަކެތި ހެދި ކަމުގައި ބެލެވޭ އަރަފާތު ހައްޔަރުކުރުމާ އެކު އެފަދަ އެހެން މައްސަލަތަކުގެ ވާހަކަ އާންމުން ވަނީ ތިލަކޮށް އެކަންތަކަށް ޒިންމާ ވާނެ އިދާރާއެއް ނެތީތޯ ސުވާލު ކުރަން ފަށައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ އިދާރާތަކުން މިހާރު ވަނީ އާންމުންގެ ވާހަކަތަކަށް ރައްދު ދޭން ފަށައިފަ އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ އިން ބައެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ކަންމަތީ ފިހާރަތަކުގައި ވިއްކާ ކާބޯތަކެއްޗާއި އެފަދަ ކާބޯތަކެތި އުފައްދާ ތަންތަނާ މެދު އެއިދާރާ އަށް ފިޔަވަޅު ނޭޅެނީ އެކަމަށް ބޭނުންވާ ގާނޫނުތައް ނެތުމުންނެވެ. އެއިދާރާ އަށް ބާރު ލިބިގެން ވަނީ ހޮޓާތަކާއި ރެސްޓޯރެންޓުތަކުގެ ސާފުތާހިރުކަން ބެލުމުގެ ބާރުކަމުން މިހާރު ވެސް އެކަން ކުރާކަމުގައި ވިދާޅުވި އެވެ.
އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާ ފަދަ ނުރައްކާތެރި ގޮތަކަށް އަލިފާނުން މުއާމަލާތްކުރުމާއި ސިއްހީ ގޮތުންނާއި ދީނީ ގޮތުން ކޮށްގެން ނުވާ ފަދަ ނުބައި ކަމެއް ކޮށް، ގިނަ ބަޔަކަށް ބުޅާ މަސްފަދަ ކާނާ ކާން ދިނުމުން ވެސް ގާނޫނީ ބާރު ނެތިގެން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެޅޭނެ ފިޔަވަޅެއް ނެތިފައި ތިބި ކަމުގައި ވާނަމަ ސަރުކާރެއް އޮތުމުގެ ބޭނުން އެބަ ފުދޭހެއްޔެވެ؟
ތެދުފުޅެއް. ނިކަން ގަޓު ހުރިއްޔާ ޕްރޯ މޯލްޑިވްސް ސިޔާސަތު މިކަމުގައި ތަންފީޒުކޮށްބަލަ! ބޭރުމީހުން ތިބެނީ ހުސް އެކަނި ރާއްޖޭން ބޭރުގައެއް ނޫން! އެތެރޭގެ ހާލަތު ވަޒަންކޮށް ލައްވާ! މިނިވަންކަން އޮޔާދާނީ ބޭރުން ނަގާ ރާޅަކުން އެކަންޏެއް ނޫން! އެތެރޭގެ އޮޔާއިވައި ހުރިނެތްގޮތް ބައްލަވާ! ދިވެހީންގެ ބިމުގައި ދިވެހީންނަށް ރައްކާތެރިކަން ކަށަވަރު ނުވަންޏާ މިއީ ވެސް ފުރިހަމަ މިނިވަން ގައުމަކަށް ކިއިދާނެތޯ؟ ތަންފީޒީ އިދާރާތަކުގެ ދޯހަޅިކަމާހުރެ ބޭރުބައެއްގެ ދަށުވެ ނިކަމެތިވެގެން ތިބެންޖެހެނީ އާންމު ރައްޔިތުން
ބޭރު މީހަކު މިރާއްޖޭގައި ކޮންމެފަދަ ނުބައިކަމެއް ކުރިޔަސް އަޅާލާނެ ސަރުކާރެއް މިރާއްޖޭގައި އެއްއިރަކުވެސް ނެއް. ދުނިޔޭގައި އޮއި އެއްމެ ވަރުގަދަ އެއްމެ ފުރިހަމަޔަށް ބޭރު ބިދޭސީންގެ ހައްގުތައް ހިމާޔައްކޮއްދޭ ހިއުމަންރައިޓްސް އޮތީ މިރާއްޖޭގައި. ރަނގަޅަށް ވެއްޖެއްޔާ ތި ބުޅާ ކާންދިން ބިދޭސީ މީހާއާއި ދޭތެރޭ ފިޔަވަޅު އެޅޭނެ ގާނޫނެއް މިރާއްޖެއަކުނެއް. މީބިދޭސީ ހިމާޔަތުގެ ރާއްޖެ ނޯދިވެހިން