އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ އެވޯޑްސް 2024ގެ ހުށައެޅުންތެރިންގެ ގޮތުގައި މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އާއި ކާމިޔާބު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހަމަޖެހިއްޖެ އެވެ.

މި ފުރުސަތު ލިބުމުން ޝާހްރުކް ޚާން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިފާ އެވޯޑްސް ހުށައަޅައިދިނުމަކީ އޭނާއަށް ލިބޭ ފަހުރެއް ކަމަށާއި މި އަހަރު ވެސް އެ ސްޓޭޖުގައި ބައިވެރިވާން ލިބޭތީ އުފާކުރާ ކަމަށެވެ.

ޝާހްރުކް ޚާންގެ އިތުރުން ކަރަން ވެސް ވަނީ މިކަމާ ގުޅިގެން އޭނާގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އެގޮތުން އައިފާ އެވޯޑްސްއަކީ އޭނާގެ ކެރިއަރުގައި ވަރަށް މުހިއްމު ހިއްސާއެއް އަދާކުރާ އިވެންޓެއް ކަމަށް ކަރަން ބުނެފައިވެ އެވެ.

ޝާހްރުކް ޚާން އާއި ކަރަން ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން އައިފާ އެވޯޑްސް ހުށައަޅައިދީފަ އެވެ. އެ ދެމީހުންނަކީ ފިލްމީ ދާއިރާގައި ވެސް ވަރަށް އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ.

މިފަހަރުގެ އެވޯޑްސް ޝާހްރުކް ޚާން އާއި ކަރަން ހުށައަޅައިދޭއިރު، ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ހުށައެޅުންތައް ވެސް އެވޯޑްގެ ތެރެއިން ފެނިގެންދާނެ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިއަހަރުގެ އައިފާ އެވޯޑްސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ން 29 އަށް ޔޫއޭއީގެ އަބޫދާބީގަ އެވެ.