ޓިކްޓޮކްގައި ވައިރަލްވި ޓްރެންޑެއްގެ ސަބަބުން އައިސްލެންޑުން ކިއުކަންބާގެ ޑިމާންޑު ބޮޑުވެއްޖެކަމަށް އެ ގައުމުގެ ސުޕަމާކެޓްތަކުން ބުނެފި އެވެ. އެ ގައުމުގައި ކިއުކަންބާގެ ޑިމާންޑް ބޮޑުވެފައި ވަނީ ސޯޝަލް މީޑިއާގައި ކިއުކަންބާ ސެލެޑެއް ވައިރަލްވެ، އެންމެން ވެސް ކިއުކަންބާ ގަންނަން ދިމާކުރުމުންނެވެ.

ނަމަވެސް މި ސެލެޑަކީ އައިސްލެންޑްގެ ޓިކްޓޮކުން އައިސްފައިވާ ސެލެޑެއް ނޫނެވެ. މި ސެލެޑް ހަދާފައި ވަނީ ކެނެޑާގެ ޓިކްޓޮކާއެއް ކަމަށްވާ ލޯގަން މޯފިޓް ކިޔާ މީހެކެވެ.

އޭނާ ވަނީ ޖުލައި މަހުން ފެށިގެން ކިއުކަންބާ ބޭނުންކޮށްގެން ހެދޭ ރެސިޕީތަކެއް ޓިކްޓޮކްގައި ދައްކާލާފަ އެވެ.

މި ރެސިޕީތައް ވަރަށް ބޮޑަށް މަޝްހޫރުވެ، ލޯގަންގެ ފޮލޯވަރުންގެ އަދަދު 5.5 މިލިއަނަށް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އަރާފަ އެވެ.

ކިއުކަންބާގެ އިތުރުން މި ރެސިޕީ ތަކުގައި ސެސަމީ އޮއިލް، ރައިސް ވިނެގާ، ކްރީމް ޗީސް، އެވޮކާޑޯ އަދި ސެލްމޮންވެސް އޭނާ ބޭނުންކުރެއެވެ.

އައިސްލެންޑްގެ ދަނޑުވެރިން އަހަރަކު ހަ މިލިއަން ކިއުކަންބާ އުފައްދަ އެވެ.