2- ޔޫސުފުގެފާނުގެ ވާހަކައިން: ޢިއްފަތްތެރިކަމުގެ ފިލާވަޅު
ޔޫސުފުގެފާނު ދެކެ އެކަލޭގެފާނުގެ ބައްޕާފުޅު ވެވަޑައިގަންނަވާ ލޯބިފުޅާ ހެދި އެކަލޭގެފާނުގެ އަޚުންތައް އެކަލޭގެފާނަށް ޙަސަދަވެރިވިއެވެ. މި ޙަސަދަވެރިކަމުގެ އަލިފާން އެބައިމީހުންގެ ހިތްތަކުގައި ރޯވެފައިވިއެވެ. ނަތީޖާއަކަށްވީ، ތުއްޕުޅު ޔޫސުފުގެފާނު ފުންވަޅަކަށް އެބައިމީހުން ނަގައި އެއްލައިލުމެވެ. މި ވާހަކަތައް ޔޫސުފް ސޫރަތުގެ ފެށޭ ހިސާބުގައި އެ ވަނީއެވެ. އެ ވަޅުން ބަޔަކު މީހުން އެކަލޭގެފާނު ނެގި ގޮތާއި، މިޞްރުގެ ޢަޒީޒުގެ ގަނޑުވަރަށް އެކަލޭގެފާނު ގެންދެވުނު ގޮތް ވެސް އެ ސޫރަތުގައި ވަރަށް ތަފުސީލުކޮށް ބަޔާންކުރައްވައިފައިވެއެވެ.
އެ ގަނޑުވަރުގައި އެކަލޭގެފާނު ބޮޑުފުޅުވެ، ފުރާފުރިހަމަވެ ޒުވާނަކަށް ވެވަޑައިގެންނެވި ހިނދު ދެން އެކަލޭގެފާނާ ކުރިމަތިވެވަޑައިގަތީ ވަރަށް ބޮޑު އިމްތިޙާނަކާއެވެ. ވަރަށް ބޮޑު ފިތުނަވެރިކަމަކާއެވެ. މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުން އެކަލޭގެފާނަށް ހިތްކިޔާގޮތްވީއެވެ. އެކަލޭގެފާނާ އެކު ހަޑިހުތުރު ފާޙިޝްކަންކަން ކުރައްވާން ބޭނުންފުޅުވީއެވެ. އެކަލޭގެފާނަކީ މާތް الله ޚަލްޤުކުރެއްވި އެންމެ ރީތި އިންސާނާއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ޞައްޙަ ޙަދީޘެއްގައި ވަނީ، ޔޫސުފްގެފާނަށް ވަނީ ދެބައިކުޅައެއްބައި ރީތިކަން މާތް الله ދެއްވައިފައެވެ. އެބަހީ، މުޅި ކާއިނާތުގައިވާ ރީތިކަމުގެ ދެބައިކުޅައެއްބައި ދެވުނީ އެކަލޭގެފާނަށެވެ. އަނެއްބައި އެހެން ހުރިހާ މަޚްލޫޤުންނަށެވެ. އެހެންކަމުން، އެކަލޭގެފާނުގެ ރީތިކަން ހުންނާނެވަރު ނިކަން ތަޞައްވަރުކޮށްލައްވާށެވެ.
ޔޫސުފުގެފާނުގެ މި ރީތިކަމާ ހުރެ މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުން ފިތުނަވެރިވިއެވެ. ޝައިޠާނާ އެ ކަމަނާގެ ހިތުތެރެއަށް ތަފާތު ވަސްވާސްތައް ވައްދާން ފެށިއެވެ. އެންމެ ފަހުން، އެ ކަމަނާ އެކަލޭގެފާނަށް ފާޙިޝްކަންކަމަށް ދަޢުވަތުދެއްވާން ފެއްޓެވިއެވެ. އެކަލޭގެފާނު ހައްލަވައިލެއްވޭތޯ އެކިއެކި ގޮތްގޮތަށް މަސައްކަތްކުރެއްވިއެވެ. އެކަލޭގެފާނަށް ޓަކައި އެންމެ ރިވެތި ޒީނަތުން ޒީނަތްތެރިވެވަޑައިގެން، އެންމެ ރީތި ސޫރައިގައި އެ ކަމަނާ އެކަލޭގެފާނަށް ދަޢުވަތު ދެއްވަމުން ގެންދެވިއެވެ. އެހެން ނަމަވެސް، އެކަލޭގެފާނުގެ ވެރިރައްބަށް އެކަލޭގެފާނު ބިރުވެތިވެވަޑައިގެން އެ ކަމަނާގެ ހުރިހާ އެދުންތަކަކަށް ގެންދެވީ އިންކާރުކުރައްވަމުންނެވެ. ޚުދު އެ ކަމަނާއަކީ ވެސް އެ ޒަމާނުގައި އުޅުނު އެންމެ ރީތި އަންހެނުންގެ ތެރެއިން ވެސް އެންމެ ރީތި ކަމަނާއެވެ. އެހެން ނަމަވެސް، މިފަދަ ފިތުނަވެރިކަމެއް ތެރޭގައި ވެސް ޔޫސުފުގެފާނު ގެންދެވީ އިންތިހާއީ ދަރަޖައިގެ ކެތްތެރިކަމެއް ދައްކަވަމުންނެވެ.
މާތް الله ކީރިތި ޤުރްއާނުގައި މި ވާހަކަ ބަޔާންކުރައްވައިފައިވެއެވެ.
وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ اللَّهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ ﴿٢٣﴾ [يوسف: 23]
މާނައީ: "އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّهގެ ރައްކައުތެރިކަމަށް އެދެމެވެ. ޚިޔާނާތްތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބުމީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓައިފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ. (23)"
މި އާޔަތުން އަޅުގަނޑުމެންނަށް އެތަކެއް ފިލާވަޅުތަކެއް ލިބެއެވެ. އޭގެ ތެރޭގައި، އެ މީހެއްގެ ޒުވާންކަމުގެ ޖޯޝު ހުރެމެ، އެ މީހަކާ ދުނިޔެވީގޮތުން ޔޫސުފުގެފާނާ ދިމާވި ފަދަ ފިތުނަވެރިކަމެއް ދިމާވެއްޖެ ނަމަ، މާތް اللهއަށް ބިރުވެތިވުމުގެ މުހިންމުކަމުގެ ފިލާވަޅު ހިމެނެއެވެ. ދުނިޔެވީ ކޮންމެ ދަޅައަކީ ޝައިޠާނީ ވަސްވާސްތަކެއް ކަމާއި، އެ ޝައިޠާނީ ވަސްވާސްތަކުން ދުރުވުމަށް ޓަކައި މާތް الله އަށް ތަޤްވާވެރިވެ، އެފަދަ ފިތުނަވެރި ޙާލަތުގައި ވެސް ޔޫސުފުގެފާނު ފަދައިން މާތް الله އަށް ބިރުވެތިވެ މާތް اللهގެ ރައްކައުތެރިކަމަށް އެދިއްޖެ ނަމަ، އެ އިލާހު އެ މީހަކު އެފަދަ ފިތުނައިން ސަލާމަތްކުރައްވައި، ޝައިޠާނާ ބަލިކަށިކުރައްވާނޭކަން ހާމަވެއެވެ.
މީގެ އިތުރުން ވެސް މި އާޔަތުން ލިބޭ އަނެއް ޢިބްރަތަކީ، ތިމާއަށް އިޙްސާންތެރިވެފައިވާ މީހުންނަށް ޚިޔާނާތްތެރި ނުވުމުގެ ފިލާވަޅެވެ. އިޙްސާންތެރީންގެ އިޙްސާންތެރިކަން ތިމާ ބަލައިގަންނާން ޖެހޭ ކަމެވެ. އެބައިމީހުންގެ އަނބިދަރީންނާއި، އަބުރާއި ޢިއްޒަތަށް އިޙްތިރާމްކުރާން ޖެހޭ ކަމެވެ. ތިމާގެ އަމިއްލަ އަނބިދަރީންނާއި އަބުރު ރައްކައުތެރިކުރާ ފަދައިން، ތިމާއަށް އިޙްސާންތެރިވެފައިވާ މީހުންގެ އަނބިދަރީންނާއި އަބުރަށް ރައްކައުތެރިވުމުގެ މުހިންމުކަމެވެ. މިއާ ޚިލާފަށް، މީސްތަކުންގެ އަބުރާއި ޢިއްޒަތަށް އަރައިގަންނަ މީހުންނަކީ ދުވަހަކު ވެސް ކާމިޔާބުވާނޭ ބައެއް ނޫން ކަމުގެ ފިލާވަޅެވެ.
މި އާޔަތާ ޖެހިގެން އޮތް އާޔަތުގައި އެ ވާހަކައިގައި ދެން ހިނގައިދިޔަ ކަންކަން މާތް الله ބަޔާންކުރައްވައިފައިވެއެވެ.
وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ ﴿٢٤﴾ [ يوسف : 24]
މާނައީ: "އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ދަލީލު ފެނިވަޑައިނުގެންނެވި ނަމަ، އެކަލޭގެފާނުގެ ހިތްޕުޅު ވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ ދަލީލު ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި ޢަމަލާއި، ހުތުރުކަން ބޮޑު ފާފަ ދުރުކުރެއްވުމަށް ޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ ޚިޔާރުކުރެއްވި އަޅުންގެ ތެރެއިންނެވެ. (24)"
މި އާޔަތުން ލިބޭ ބައެއް ފިލާވަޅުތަކުގެ ތެރޭގައި، މާތް اللهގެ ރަޙްމަތާއި ފަޟްލުވަންތަވެރިކަން އަޅާގެ މައްޗަށް ނުވާ ނަމަ، އޭނާގެ ފައިތިލަ ހެޔޮ މަގުން ކައްސައިލައިގެން ގޮސް، ޝައިޠާނީ ވަސްވާހުގައި ޖެހި، ނުބައި ފާޙިޝް މަގުން އެ އަޅާ ދިޔުން އޮންނާނީ ދާދި ގާތުގައިކަން ހިމެނެއެވެ. އަޅުތަކުންނަށް ހިދާޔަތް ދައްކަވަނީ މާތް اللهއެވެ. އެ އަޅުތަކުންނަށް ހިދާޔަތުގައި ސާބިތުކަން ދެއްވަނީ ވެސް ހަމަ އެ އިލާހެވެ. އެ އިލާހު ސާބިތުކަން ދެއްވައިފި އަޅަކަށް މެނުވީ ސާބިތުކަމެއް ނުލިބޭނެއެވެ.
އެހެންކަމުން، ތިބާއަށް ފިތުނައިގެ މަގު ތަނަވަސްވެފައިވާތީ ފެނުމުން ނުވަތަ ދުނިޔޭގެ ޙަރާމް ލައްޒަތާއި ޝައިޠާނީ ފާޙިޝްކަމުގެ މަގު ތަނަވަސްވެފައިވާތީ ފެނުމުން، އެ ކަމާ އުފާ ނުކުރާށެވެ. އަދި ތިމާއަކީ ހާދަ ނަސީބުގަދަ މީހެކޭ ހީކޮށް އެ ޙަރާމްކަމުގެ ތެރެއަށް ވަދެ، އެކަމަށް ހުށަހޮޅިނުގަންނާށެވެ. އަދި ދަންނާށެވެ. އެހެނެއް ކަމަކު، އެއީ ތިބާއަށް މާތް الله ކުރިމަތިކުރެއްވި ބޮޑު އިމްތިޙާނެކެވެ. އޭގެ ތެރެއަށް ވެއްޓިގަތުމަކީ މާތް اللهގެ ހިދާޔަތުން ތިބާ އެއްކިބާވެގެންވާކަމުގެ އަލާމާތެކެވެ. އަދި ތިބާއަކީ ވަރައަވެރިކަމާއި ތަޤްވާވެރިކަމާއި ޢިއްފަތްތެރިކަމާއި ލަތުވެތިކަމުގެ ސިފައިން މަޙްރޫމުވެފައިވާ މީހެއްކަމުގެ އަލާމާތެކެވެ. އަދި ތިބާއީ އާޚިރުގައި ބަދުނަޞީބުވެރިޔަކަށް ވެދާނޭކަމުގެ އަލާމާތެކެވެ. ތިބާއަކީ އެއްވެސް އަގެއް ނެތް މީހެއްކަމުގެ އަލާމާތެކެވެ. ތިބާއީ މާތް اللهގެ ކޯފާ ޙައްޤުވެފައިވާ މީހެއްކަމުގެ އަލާމާތެކެވެ. އަދި އެއީ އިލާހީ ރަޙްމަތުން ތިބާ ދުރުކުރެވިފައިވާކަމުގެ އަލާމާތެކެވެ.
އަދިވެސް މާތް الله ވަޙީކުރައްވައިފައިވެއެވެ.
وَاسْتَبَقَا الْبَابَ وَقَدَّتْ قَمِيصَهُ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَى الْبَابِ ۚ قَالَتْ مَا جَزَاءُ مَنْ أَرَادَ بِأَهْلِكَ سُوءًا إِلَّا أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ ﴿٢٥﴾ [يوسف: 25]
މާނައީ: "އަދި އެ ދެ މީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފޫއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެކަނބުލޭގެ ފިރިމީހާ އެ ދެ މީހުންނަށް ފެނުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިބާގެ އަނބިމީހާއަށް ނުބައިކަމެއް ކުރަން އުޅުނު މީހަކަށް، އެ މީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި ޢުޤޫބާތް ދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟ (25)"
މި އާޔަތުން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި، އެ މީހަކީ ކިތަންމެ ޢިލްމުވެރި، އަދި ކިތަންމެ ތަޤްވާވެރި، އަދި ކިތަންމެ ވަރައަވެރި، އަދި ކިތަންމެ ދީންވެރި މީހަކު ކަމުގައި ވިޔަސް، ފިތުނައިގެ ތެރެއަށް ހުށަހެޅިދާނޭ ފަދަ ކަމެއް ނުކުރުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ބައެއްގެ މަކަރުވެރިކަމުގެ ތެރޭގައި އޭނާ އަފަދަ ކަމަކަށް ހުށަހެޅުނު ކަމުގައި ވިޔަސް، އަވަސްއަވަހަށް އެ ކަމުން ސަލާމަތްވުމަށް ކުރެވުނު ހުރިހާ ކަމެއް ކުރުމުގެ މުހިންމުކަން ހިމެނެއެވެ.
މީގެ އިތުރުން ލިބޭ އަނެއް ފިލާވަޅަކީ، ތިބާ ކުރާ ފާޙިޝް ކަންކަން ނުވަތަ ނުބައި ނިޔަތުގައި ކުރާ ކަންކަން ކިތަންމެ ވަރަކަށް ފޮރުވާން އުޅުނު ކަމުގައި ވިޔަސް، އެ ކަންކަން ގިނަ ފަހަރަށް ފަޟީޙަތްވާނޭ ކަމެވެ. ޚާއްޞަކޮށް މީހަކަށް އެ ކަމުގައި އަނިޔާވެރިކަމެއް ދީފައިވާ ނަމަ، އެ ކަމުގެ ސަބަބުން ތިބާ ދުނިޔެމަތީގައި ވެސް ފަޟީޙަތްވުން ގާތްކަމެވެ. މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުން ވެސް ވަރަށް ބޮޑަށް މި ހިނގައިދިޔަ ކަންކަން ފޮރުއްވަން މަސައްކަތްކުރެއްވިއެވެ. ދޮރުވެސް ލެއްޕެވިއެވެ. އެހެން ނަމަވެސް، މާތް الله އިރާދަކުރައްވައިފައިވަނީ އެ ކަމަނާ ފަޟީޙަތްވުމަށެވެ. ޢަޒީޒުގެ ކުރިމައްޗަށް ހުރިހައި ކަމެއް ހާމަވެގެން ދިޔުމަށެވެ. ކަން ވީ ވެސް އެހެންނެވެ.
ދެން ލިބޭ ފިލާވަޅަކީ، ލޯބީގެ ނަމުގައި ތިބާއަށް ފާޙިޝް ކަންކަމަށް ގޮވައިލާ މީހުން އެންމެ ފަހު ވަގުތު އެބައިމީހުންގެ ސަލާމަތްތެރިކަން ހޯދުމުގެގޮތުން ތިބާއަކީ ޤުރްބާންކޮށްލެވޭ ކަންބަޅިއަކަށް ހަދާނޭކަމުގެ ފިލާވަޅެވެ. މި އާޔަތުން ވެސް މި ފެންނަނީ އެ ތަނެވެ. މިޞްރު ޢަޒީޒުގެ އަނބިކަނބަލުން އެންމެ ފަހުން ހުރިހާ ކަމެއްގެ ތުހުމަތު އެޅުއްވީ ޔޫސުފުގެފާނުގެ އިސްތަށިފުޅުގައެވެ. އެންމެ ފަހުން، އެކަލޭގެފާނު އޭނާގެ އަބުރަށް އަރައިވަޑައިގަންނަވާން އުޅުއްވި ކަމުގެ ދޮގު ތުހުމަތު އެޅުއްވީއެވެ. އެ ކަމަނާ ފަޟީޙަތުން ސަލާމަތްވެވަޑައިގަތުމުގެ ގޮތުންނެވެ. އެހެންކަމުން، ތިބާ ދެކެ ލޯބީންނޭ ބުނެ ތިބާއަށް ފާޙިޝް ކަންކަމަށް ގޮވައިލާ މީހުންނަށް އިޖާބަ ދީފި ނަމަ ދުނިޔެއާއި އާޚިރަތުގައި ވެސް ގެއްލުން އޮތީ ތިބާއަށްކަން ދަންނާށެވެ. އަދި ދުނިޔެވީ ލަދަށް އެބައިމީހުން ތިބާ އެންމެ އަނދިރި ވަޅުގަނޑަށް ވައްޓައިލާން ޖެހުނަސް ފަސްނުޖެހޭނެކަން ދަންނާށެވެ.
ދެން ވެސް މާތް الله ވަޙީކުރައްވައިފައިވެއެވެ.
قَالَ هِيَ رَاوَدَتْنِي عَن نَّفْسِي ۚ وَشَهِدَ شَاهِدٌ مِّنْ أَهْلِهَا إِن كَانَ قَمِيصُهُ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ الْكَاذِبِينَ ﴿٢٦﴾ [يوسف: 26]
މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ. އަދި (އެ ކަމާ މެދު) އެކަނބުލޭގެ ތިމާގެމީހުންކުރެ ހެކިވެރިޔަކު ހެކިދީ ބުންޏެވެ. އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިން ނަމަ، އެކަނބުލޭގެ އެ ބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ. (26)"
މި އާޔަތުން ލިބޭ ފިލާވަޅަކީ، ފިރިހެނަކަށް އަންހެނެއްގެ ފަރާތުން ލިބޭ ދުއްތުރާއާއި އަނިޔާއަށް އެ މީހަކު ކެތްކޮށްފާނޭ ކަމެވެ. އަދި އެ ކަން ސިއްރު ވެސް ކޮށްފާނޭ ކަމެވެ. އެހެން ނަމަވެސް، އެ އަނިޔާއަކީ އޭނާގެ އަބުރާއި ޢިއްޒަތަށް ނުޙައްޤުން ދެވޭ އަނިޔާއެއް ނަމަ، އެ ކަމުގައި އެ މީހަކު އަޑުއުފުލާން ޖެހޭނެ ކަމެވެ. އެ ކަމުގައި އެ މީހެއްގެ އަބުރާއި ޢިއްޒަތާއި ޢިއްފަތް ސަލާމަތްކުރާން ވަކާލާތުކުރާން ޖެހޭނެ ކަމެވެ. އެ ކަމުގައި ހާމަކުރާންޖެހޭ ވާހަކަތަކެއް ހާމަކުރާންޖެހޭ މަޙައްލެއްގައި ހާމަކުރުމުގެ މުހިންމުކަމެވެ. އެ ކަމުގައި އެ ދޮގު ތުހުމަތު ކުރި އަންހެނާ ފަޟީޙަތްކުރުމަކީ އެ ވަގުތަށް އޭނާ ކުރާންޖެހޭ ކަމެއް ކަމެވެ. އަދި ހެކިވެރީން ގެނައުމުގައި ތިމާގެ ޚަޞްމުންގެ ފަރާތުގައި ތިބި ޢަދުލުވެރީންނަށް އެ ފުރުޞަތު ދިނުމުގެ މުހިންމުކަން ވެސް މި އަޔާތުން އެނގި ބަޔާންވެއެވެ. އެހެނީ، އެފަދަ ހެކިވެރިއެއްގެ ހެކިބަހަށް އެއްވެސް މީހަކު ޝައްކުކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެތީއެވެ.
ކިޔުންތެރީންނޭވެ! މި ހިސާބުން ވެސް އަދި މި ވާހަކައެއް ނުނިމެއެވެ. ޢަޒީޒުގެ އަނބިކަނބަލުން ފަޟީޙަތްވެވަޑައިގަތުމުން، އެ ކަމަނާ ތައުބާވެވަޑައިގަތުމަށް ޢަޒީޒު އެ ކަމަނާއަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އެހެން ނަމަވެސް، މި ހިސާބުން ވެސް އެ ވާހަކައަށް ނިމުމެއް ނާދެއެވެ. މުޅި ރަށުތެރޭގައި އެ ކަމަނާގެ ވާހަކަ ފެތުރުނު ގޮތަކަށް ފެތުރިއްޖެއެވެ. އެ ރަށުގެ އަންހެނުންތައް ޢަޒީޒުގެ އަނބިކަނބަލުންނާ ބެހޭގޮތުން ތަފާތު ވާހަކަތައް ދައްކާން ފަށައިފިއެވެ. އެ ކަމަނާއަށް މަލާމާތްކޮށް އެއްޗެހި ކިޔާން ފަށައިފިއެވެ. އެ ކަމަނާ ޅަޒުވާން ފިރިހެނަކަށް ހިތްކިޔައިފިޔޭ ކިޔައި ޖެއްސުން ކުރާން ފަށައިފިއެވެ. މި ވާހަކަތައް ޢަޒީޒުގެ އަނބިކަނބަލުންނާ ހަމަޔަށް ވެސް ފޯރައިފިއެވެ. އެ ކަމަނާ ކުރެއްވި ކަމަކީ، އެ ކަމަނާގެ ހުރިހާ އެކުވެރި އަންހެނުންތަކަށް އެ ގަނޑުވަރަށް އައުމަށް ދަޢުވަތު ދެއްވުމެވެ. އަދި، އެބައިމީހުން އެ ދަޢުވަތު ގަބޫލުކޮށް، އެ ގަނޑުވަރަށް އައުމުން އެއިން ކޮންމެ މީހެއްގެ އަތަށް މޭވާއަކާއި ވަޅިއެއް ދެއްވުމެވެ. އެބައިމީހުން އެ މޭވާތައް ކާން ތިއްބައި ޢަޒީޒުގެ އަނބިކަނބަލުން ޔޫސުފުގެފާނަށް އެބައިމީހުންގެ ތެރެއަށް ނުކުތުމަށް އަމުރުކުރެއްވިއެވެ.
މާތް الله ކީރިތި ޤުރްއާނުގައި މި ވާހަކައަށް އިޝާރާތްކުރައްވައި ވަޙީކުރައްވައިފައިވެއެވެ.
وَقَالَ نِسْوَةٌ فِي الْمَدِينَةِ امْرَأَتُ الْعَزِيزِ تُرَاوِدُ فَتَاهَا عَن نَّفْسِهِ ۖ قَدْ شَغَفَهَا حُبًّا ۖ إِنَّا لَنَرَاهَا فِي ضَلَالٍ مُّبِينٍ ﴿٣٠﴾ فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّهِ مَا هَٰذَا بَشَرًا إِنْ هَٰذَا إِلَّا مَلَكٌ كَرِيمٌ ﴿٣١﴾ قَالَتْ فَذَٰلِكُنَّ الَّذِي لُمْتُنَّنِي فِيهِ ۖ وَلَقَدْ رَاوَدتُّهُ عَن نَّفْسِهِ فَاسْتَعْصَمَ ۖ وَلَئِن لَّمْ يَفْعَلْ مَا آمُرُهُ لَيُسْجَنَنَّ وَلَيَكُونًا مِّنَ الصَّاغِرِينَ ﴿٣٢﴾ [يوسف: 30-32]
މާނައީ: "(މި ކަންތަކުގެ ޚަބަރު ފެތުރިގެން ދިޔުމުން) ރަށުތެރޭގެ އަންހެނުންގެ ބަޔަކު ބުނެފޫއެވެ. العزيزގެ އަންހެނުން، އެކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެ ކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެން ދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ. (30) ފަހެ، އެ އަންހެނުން ދެއްކި (މަލާމާތުގެ) މަކަރުވެރި ވާހަކަ އެކަނބުލޭގެއަށް އިވުމުން، އެއުރެން ބަލައިފޮނުވިއެވެ. އަދި ލެނގިގެން ތިބޭނެ ތަނެއް ތައްޔާރުކުރިއެވެ. އަދި އެއިން ކޮންމެ މީހަކަށް ފިޔޮއްސެއް ދިނެވެ. އަދި ޔޫސުފުގެފާނަށް ދެންނެވިއެވެ. އެއުރެންގެ ތެރެޔަށް ނުކުމެވަޑައިގަންނަވާށެވެ! ދެން، އެ އަންހެނުން އެކަލޭގެފާނު ދުށްހިނދު، އެއުރެން އެކަލޭގެފާނުގެ ރީތިކަމާ މެދު ޙައިރާންވޫއެވެ. އަދި އެއުރެން އަތްތައް ކޮށަމުން ދިޔައޫއެވެ. އަދި ބުނެފޫއެވެ. [حاش للَّه] އެވެ. (اللَّه ގެ ހުސްޠާހިރުވަންތަކަމާއެވެ!) މިއީއަކީ އާދަމްގެދަރިއެއްވާ ނޫނެވެ. މިއީ ހަމަކަށަވަރުން، މާތްވެގެންވާ މަލާއިކަތަކު ކަމުގައި ނޫނީ ނުވެތެވެ. (31) އެކަނބުލޭގެ ބުންޏެވެ. ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. ހަމަކަށަވަރުން، ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ، އެހިނދު އޭނާ އެ ކަމުން ރައްކައުތެރިވެގަތެވެ. އަދި ތިމަން އޭނާއަށް އަމުރުކުރާ ކަންތައް ނުކުޅަ ނަމަ، ޖަލުގައި އޭނާ ހައްޔަރުކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ. (32)"
މި އާޔަތްތަކުން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި، ފިތުނަވެރިކަމެއްގެ ވާހަކައިގެ އަޑުއިވުމަށް ވުރެ، ފިތުނަވެރިކަމެއް ލޯމަތީން ފެނުމުގެ ނުރައްކާތެރިކަން މާ ބޮޑުކަން ހިމެނެއެވެ. އެހެނީ، ޢަޒީޒުގެ އަނބިކަނބަލުންނަށް މަލާމާތްކޮށް ހެދި އަންހެންތަކުންނަށް ވެސް ޔޫސުފުގެފާނު ފެނުނު ހިނދު އެބައިމީހުންނަށް ވެސް އެހެން ހުރިހާ ކަމެއްގެ މަތީން ހަނދާން ނެތުނެވެ. އެބައިމީހުންގެ އިނގިލިތައް ވަޅީން ކޮށެމުން ދިޔައިރު ވެސް އެބައިމީހުންނަށް ރޭކާއެއް ވެސް ނުލިއެވެ. އެކަލޭގެފާނު ރީތިކަން އެހައި ވެސް ރީއްޗެވެ. އެހެންކަމުން، ފިތުނަވެރިކަމެއްގެ ތެރެއަށް ނުކުތުމަކީ ވަރަށް ނުރައްކާތެރިކަމެއްކަން މި ހާދިސާއިން ވެސް އެނގެއެވެ. އެހެނީ، ގިނަފަހަރަށް އެ މީހެއްގެ އަމިއްލަ ނަފްސަށް ވެސް ބާރު ނުފޯރުވޭ ފަދަ ދަރަޖައަކަށް ކަންކަން ހިނގައިދާނެއެވެ. ޝައިޠާނާ ހުންނާނީ އެފަދަ މީހަކާ އެންމެ ކައިރީގައެވެ.
މީގެ އިތުރުން ލިބޭ ފިލާވަޅަކީ، ޔޫސުފުގެފާނުގެ ނިޔަނެތިކަމާއި، ލަދުވެތިކަމާއި، އެކަލޭގެފާނުގެ މާތް ޚުލްޤުފުޅެވެ. އަދި އެކަލޭގެފާނު މާތް اللهއަށް ބިރުވެތިވެވަޑައިގަންނަވާ މިންވަރެވެ. އެކަލޭގެފާނަށް ހުރިހާ ޚިޔާރެއް، ހުރިހާ ދޮރެއް ބަންދުވި އިރު ވެސް އެ ފާޙިޝްކަންކަމަށް އަރައިވަޑައިގަތުމަށް އެކަލޭގެފާނު އިންކާރު ކުރެއްވި ކަމެވެ. އެބައިމީހުންގެ މަކަރުވެރި ރޭވުމުގައި ޖެހި، ޢިއްޒަތާއި އަބުރާއި ޢިއްފަތްތެރިކަން ނެތި ދިޔުމަށް ވުރެ، މުއްދަތެއް ނެތް ގޮތުގައި މުޅި ޢުމުރު ޖަލުގެ އަނދިރި ގޮޅީގައި އޮންނަވާން ވެސް އެކަލޭގެފާނު ހުންނެވީ ތައްޔާރަށް ކަމެވެ. އެ ގޮތުން، ޖަލުގެ އަނދިރި ގޮޅި އެކަލޭގެފާނު ޚިޔާރުކުރެއްވި ކަމެވެ. ކިހައި މަތިވެރި އީމާންކަމެއްތޯއެވެ؟ ކިހައި މަތިވެރި ޢިއްފަތްތެރިކަމެއްތޯއެވެ؟ ކިހައި މަތިވެރި ޚުލްޤުފުޅެއްތޯއެވެ؟ ކިހައި މަތިވެރި ކެތްތެރިކަމެއްތޯއެވެ؟ ކިހައި މަތިވެރި ޢަޒުމެއްތޯއެވެ؟ ކިހައި މަތިވެރި ތަޤްވާވެރިކަމެއްތޯއެވެ؟ ކިހައި މަތިވެރި މުރުއްވަތްތެރިކަމެއްތޯއެވެ؟
ޖެހިގެން އައި އާޔަތުގައި އެކަލޭގެފާނު ޖަލުގެ ކުޑަގޮޅި ޚިޔާރުކުރެއްވި ވާހަކައަށް އިޝާރާތްކުރައްވައި މާތް الله ވަޙީކުރައްވައިފައިވެއެވެ.
قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ ﴿٣٣﴾ فَاسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ ﴿٣٤﴾ [يوسف 33-34]
މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުން ވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވި ނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި ޖާހިލުންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ. (33) ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި، އެއުރެންގެ މަކަރުވެރިކަން އެކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (34)"
ދެން އެބައިމީހުން އެކަލޭގެފާނު ޖަލުގައި ބަންދުކުރުވިއެވެ. އެތައް ޒަމާނެއް ވަންދެން އެކަލޭގެފާނު ޖަލުގައި ވަގުތުތައް ހޭދަކުރެއްވިއެވެ. އެކަލޭގެފާނު މި ހުރިހާ ކަމަކަށް ވެސް ރިވެތި ކެތްތެރިވެވަޑައިގެންނެވުމަކުން ކެތްތެރިވެވަޑައިގެންނެވިއެވެ. މާތް الله އަށް ކުރައްވާ އިތުބާރާއި ޔަޤީންކަމާ ހުރެއެވެ. އެ އިލާހު އެކަލޭގެފާނު އެކަނިވެރިނުކުރައްވާނެ ކަން ދެނެވަޑައިގަންނަވާތީއެވެ. އަދި އެކަލޭގެފާނުގެ އަބުރާއި ޢިއްޒަތާއި ޢިއްފަތް ރައްކައުތެރިކުރެއްވުމުގެ ގޮތުންނެވެ.
ޔޫސުފުގެފާނުގެ ވާހަކައިން އަޅުގަނޑުމެން ދަސްކުރާންވީ ފިލާވަޅަކީ ޢިއްފަތްތެރިކަމުގެ ފިލާވަޅެވެ. ތަޤްވާވެރިކަމުގެ ފިލާވަޅެވެ. ޢަޒުމާއި ހިތްވަރުގެ ފިލާވަޅެވެ. މާތް الله އަށް އިތުބާރާއި ޔަޤީންކަމާއި ވަކީލުކުރުމުގެ ފިލާވަޅެވެ. ވީ ކޮންމެ ތަނެއްގައި އެ އިލާހަށް ތަޤްވާވެރިވުމުގެ ފިލާވަޅެވެ. އެކަލޭގެފާނަކީ ރިވެތިކަމުގެ އިންތިހާއެވެ. އެކަލޭގެފާނަށް ޓަކައި، ހަސަބާއި ނަސަބުގެ ގޮތުން މަތިވެރި، ރިވެތިކަމުގެ ގޮތުން އެންމެ ރީތި އަންހެނުންތައް ތިބީ ޤުރްބާންވާން ތައްޔާރަށެވެ. އެކަލޭގެފާނު ހައްލައިލެވޭތޯ އެބައިމީހުންނަށް ކުރެވުނު ހުރިހައި މަސައްކަތެއް ތަފާތު ގޮތްގޮތަށް އެބައިމީހުން ދިޔައީ ކުރަމުންނެވެ. އެކަލޭގެފާނަކީ ޒުވާނަކަށްވެ ހުރުމެ ވެސް އެއިން އެއްވެސް ކަމަކަށް އިޖާބައެއް ނުދެއްވައެވެ. މާތް اللهގެ ރައްކައުތެރިކަމަށް އެކަލޭގެފާނު ދިޔައީ އެދެމުންނެވެ. އެބައިމީހުން މަކަރުވެރި ފިތުނަވެރި ރޭވުންތަކުގައި ނުޖެހުމަށް އެދި އަބަދުވެސް އެކަލޭގެފާނު ދިޔައީ ދުޢާކުރައްވަމުންނެވެ. އަދި ދުނިޔެވީ ސަބަބުތަކުގައި ހިފަމުންނެވެ. އަޅުގަނޑުމެން ދަސްކުރާންވީ މި ސިފައެވެ.