ދިވެހި ފަންނާނުންގެ މަސައްކަތަށް ހުރަސް އެޅޭނެހެން މަސައްކަތްކުރާ 60 ބިދޭސީއަކު ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން މި ނިންމުން ނިންމައި، އިއުލާންކޮށްފައި މިވަނީ ދިވެހި ފަންނާނުންގެ މަސައްކަތަށް ހުރަސް އެޅޭނޭހެން އެކިއެކި ފަންނީ މަސައްކަތް ކުރުވަން ފަތުރުވެރިކަމުގެ ސިނާއަތުގައި ބިދޭސީން ގެންގުޅޭކަމުގެ ޝަކުވާ އިތުރުވެފައި ވަނިކޮށެވެ.

އިމިސްރޭޝަނުން ބުނީ އެންމެ ގިނައިން މައްސަލަ ހުށަހެޅިފައިވަނީ ރިސޯޓުގައި ފޮޓޯގްރާފަރުންގެ ގޮތުގައި މިއުޒީޝަނުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރާކަމުގެ ޝަކުވާ އެވެ.

މިގޮތުން ހުށަހެޅިފައިވާ 60 ފަރާތެއްގެ މައްސަލަ ބެލި، ރާއްޖެއިން ފޮނުވާލަން މިހާރު ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ދިވެހި ފަންނާނުންގެ ބަދަލުގައި ބިދޭސީން ލައްވާ މަސައްކަތްކުރުވާތީ ދިވެހި ފަންނާނުންނަށް ފުރުސަތު ގެއްލި މާލީގޮތުން ގެއްލުންވަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެހެންކަމުން، ބިދޭސީންލައްވާ މިފަދަ މަސައްކަތްކުރުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

ބިދޭސީން ލައްވާ މިއުޒިކް ކުޅުމާއި ފޮޓޯ ނެގުމަކީ ގާނޫނީގޮތުން މަނާކަމަކަށް ވިޔަސް އެކި ނަންނަމުގައި ވިސާ ހޯދައިގެން ބިދޭސީން ލައްވާ މަސައްކަތްކުރުވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ކޮވިޑްގެ ހާލަތާ ހެދި ދިވެހި ފަންނާނުންގެ މަސައްކަތް މަޑު ޖެހި އާމްދަނީގެ ދޮރު ހަނިވެފައިވާ މިދަނޑިވަޅުގައި މިފަދަ ޝަކުވާކުރާ މިންވަރު މިވަނީ އިތުރުވެފަ އެވެ.