ފޭކު އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކެއް ދައުރުވަމުންދާތީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެ މައްސަލަ ބަލަން ފަށައިފި އެވެ.
އެމްކިއުއޭ އިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޯލެވެލް އަދި އޭލެވެލް ގެ ސައްހަ ނޫން ސަނަދުތަކެއް ދައުރުވަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން މަތީ ތައުލީމުދޭ މަރުކަޒުތަކުން ދަރިވަރުންނަށް އެންރޯލްމަންޓް ނުވަތަ ޕްލޭސްމެންޓް ދިނުމުގައި އޯލެވެލް އަދި އޭލެވެލް ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ އޮތޯރިޓީން ވަނީ ފޭކް ލޯކަލް ސަނަދުތަކެއް ދައުރުވަމުން ދާތީ ސަމާލުވުމަށް އެދި އިތުރު ބަޔާނެއް ވެސް ނެރެފަ އެވެ.
އެކަމާ ގުޅިގެން އެ އޮތޯރިޓީން ބުނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ކުރިއަށްގެންދާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތަކުގައި "ރިކޮގްނިޝަން" ތައްގަނޑު ޖެހުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.
އެ އޮތޯރިޓީގެ ހިދުމަތްތަކަށް އެދި ދެ ފަރާތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކާއެކު މަތީ ތައުލީމުދޭ ދެ މަރުކަޒެއްގެ ފޭކު ސަނަދު ފާހަގަކުރެވިފައިވާ ކަމަށާއި އަދި މިކަމާ ގުޅޭ ގޮތުން އެ ފަރާތްތަކާއެކު މަޝްވަރާކުރުމުން އެ ފަރާތްތަކުން ވެސް އެ ސަނަދަކީ ފޭކު ސަނަދެއް ކަމަށް އެ އޮތޯރިޓީއަށް ކަށަވަރު ކޮށްދީފައިވާ ކަމަށް ވެސް އެމްކިއުއޭގެ ބަޔާނުގައިވެ އެވެ.
ދައުރުވާ ފޭކް ދެ ސަނަދުގެ ތެރެއިން އެއް ސަނަދަކީ ޓީޗިން ދާއިރާއާ ގުޅުންހުރި ސަނަދަކަށްވުމުން އެމްކިއުއޭ އިން ވަނީ ވަޒީފާދޭ ފަރާތްތަކުން ވަޒީފާ ދިނުމުގައި ސަމާލުކަން ދިނުމަށް އެދިފަ އެވެ.
އެ އޮތޯރިޓީން މިހާރު ދަނީ އެކަމާ ގުޅުންހުރި ފަރާތްތަކާއެކު މި މައްސަލައިގައި މަޝްވަރާ ކުރަމުން ކަމަށާއި އިތުރަށް ތަހުގީގު ކުރުމަށް މި ދެ މައްސަލަ ވެސް ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.