މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރަށް މިހާރު ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ފުލުހުން ބުނެފި އެވެ.

އަތުހަރު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުންނެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ އޭނާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

ޝިފާން ވިދާޅުވީ އެކަން ހިނގިގޮތް ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިވަގުތު ތިބީ ދޫނިދޫ ކަސްޓޯޑިއަލްގައި ކަމަށެވެ.

އަތުހަރު ރަހީނުކުރި އަންހެން މީހާ އަކީ ފުލުހެކެވެ. އެ އަންހެން މީހާއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ. ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަނީ އެ އަންހެންމީހާގެ ހާލު ބަލާފަ އެވެ.

ރަހީނުކޮށްފައި ވަނީ އެ ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. އެދެމީހުން ދެމެދުގައި ހިނގި ޒުވާބަކަށްފަހު އޭނާ ވަނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެއިން ނެރެ ސައިކަލްގައި ދިއުމަށް މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް ވަކި ހިސާބަކުން ފުލުހުން ވަނީ އެމީހާއަށް މުގުރުން ހަމަލާދީ އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ދެމީހުނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާލިބުނެވެ.