ޕާކިސްތާނުގެ ސިވިލް ސާވިސް ހިދުމަތަށް ވަންނަން ފުރިހަމަ ކުރަންޖެހޭ އިމްތިހާނުތަކުގެ ތެރެއިން ކެނޑިޑޭޓަކު ދީފައިވާ އިންޓަވިއުއެއް އިންޓަނެޓުގައި ވައިރަލްވެއްޖެ އެވެ.
އެ އިންޓަވިއުގައި ކެނޑިޑޭޓަށް އެންމެ ކަމުދާ އެކްޓަރަކީ ކާކުތޯ އިންޓަވިއު ކުރަން އިން އޮފިޝަލް އަހާ އަޑު އިވެ އެވެ. އެ ސުވާލުގެ ޖަވާބުގައި ކެނޑިޑޭޓު ޕާކިސްތާނުގެ އެކްޓަރެއްގެ ނަން ބުނުމުން އޮފިޝަލް ވަނީ ބޮލީވުޑުން އެންމެ ކަމުދާ އެކްޓަރަކީ ކޮބައިތޯ އަހާފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި ކެޓްރީނާ ކައިފްގެ ނަން ބުނުމުން އިންޑިއާއިން ޕާކިސްތާނަށް ދޭން ރާވާފައިވާ ނިއުކްލިއާ ހަމަލާއެއްގެ މައުލޫމާތު ކެޓްރީނާގެ އަތުގައި އޮތްނަމަ އޭނާއާއެކު ގުޅުމެއް ބާއްވާފާނަންތޯ އޮފިޝަލް އެހި އެވެ.
"ގައުމަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން މިހުރީ ތައްޔާރަށް" އެކަމަށް އާނބަސް ބުނާފަދަ މޭރުމަކުން އެ ކެނޑިޑޭޓް ޖަވާބު ދީފައިވެ އެވެ.
އެއާއެކު ހަަމަ އެފަދަ ހާލަތެއްގައި އަފްޣާނިސްތާނުގެ މީހެއް ކަމަށްވާ ގުލް ޚާންއާއެކު ގުޅުމެއް ބާއްވާފާނަންތޯ އެހުމުން ކެނޑިޑޭޓް ވަނީ އެކަމަށް ފަސްޖެހިފަ އެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ކެނޑިޑޭޓުގެ ދެފުށް ދެގޮތް ކަމަށް ބުނުމާއެކު އިންޓަވިއު ކުރިއަށް ދިޔަ ތަނުން ބޭރަށް ދާން އޮފިޝަލް ބުނުމެވެ.
ޕާކިސްތާނުގެ ސިވިލް ސާވިސް އިމްތިހާނެއްގައި އިންޑިއާގެ ފަންނާނެއްގެ ނަން އައުމުން ގިނަ ބަޔަކު އަންނަނީ އިންޓަނެޓުގައި އެކަން ފާހަގަކޮށް ވާހަކަ ދައްކަމުންނެވެ.
އެ އިމްތިހާނަކީ އާއްމު ގޮތެއްގައި ޕާކިސްތާނުގެ އަދުގެ ހާލަތާއި އެ ގައުމުގެ ތާރީހާއި ސަގާފަތާ ގުޅޭ ސުވާލުތައް އަންނަ އިމްތިހާނެކެވެ.