އިނގިރޭސި ވިލާތުގެ ލަންޑަންގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އިންޑިއާއަށް އެނބުރި ހިނގައްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އަނުޝްކާ އިންޑިއާއަށް އައިސްފައިވަނީ ސްލާޕް ފާމްގެ "ޔެސް މޮމް އެންޑް ޑޭޑްސް" އިވެންޓުގައި އެ އިވެންޓުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރި ވުމަށެވެ.

އެ އިވެންޓުގައި ވާހަކަ ދައްކަމުން އަނުޝްކާ ވަނީ ދަރިން ލިބުމަށްފަހު އޭނާގެ ހަޔާތް މިހާރު ބައްޓަން ވެފައިވާ ގޮތަށް އަލިއަޅުވާލާފަ އެވެ.

އެގޮތުން އޭނާއާއި އޭނާގެ ފިރިމީހާ ވިރާޓް ކޯލީއަކީ އެ ދެމީހުންގެ ދަރިންނަށް "އެންމެ ރަނގަޅު މައިންބަފައިން" ނޫން ކަމަށް އޭނާ އެއްބަސްވި އެވެ.

"އަހަރުމެންނަށް ވެސް ގޯސް ހެދޭ. އަހަރުމެން ވެސް މި އަންނަނީ ދަސްކުރަމުން. ދަރިންނަށް އެނގެންވާނެ މައިންބަފައިންނަކީ ވެސް އިންސާނުން ކަމާއި ހުރިހާ ކަމެއް ފުރިހަމަ ނުވާނެކަން،" އަނުޝްކާ ބުންޏެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ވިރާޓްއާއި އަނުޝްކާއަށް ދެ ކުދިން ލިބިފައިވާއިރު އެ އާއިލާއިން ގިނަ ދުވަސްތައް ހޭދަކުރަނީ ލަންޑަނުގަ އެވެ.

އިންޑިއާގެ ކްރިކެޓް ޓީމުން ރިޓަޔާ ކުރުމަށްފަހު އެ މީހުންގެ ދިރިއުޅުން އެއްކޮށް ލަންޑަނަށް ބަދަލުކުރަން އުޅޭ ކަމަށްވެސް ބައެއް ހަބަރުތައް ބުނެ އެވެ.