ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަންގާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމު ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

ރޭގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ހަސަން ސަމާހުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވަވާ، އާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދިވަޑައިގެން ރައީސް ވަނީ ސަމާހުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއް ކަމަށާއި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.