"އުދަބާނީ 2" ފުރަތަމަ ރިލީޒްކުރުމަށް ނިންމި ތާރީހަކީ މިމަހުގެ 15 ގައި. ނަމަވެސް މިހާރު މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިމަހުގެ 19 ގައި.

އަމްޖަދު އިބްރާހީމްގެ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2” އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމާފައިވާ ތާރީހު ބަދަލުވެއްޖެ އެވެ.

ހާމިދު އަލީ ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށް 2009 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "އުދަބާނި"ގެ ދެވަނަ ބައި މި މަހު 15 ގައި ރިލީޒް ކުރުމަށް ކުރިން އޮތީ ނިންމާފަ އެވެ. އެހެން ނަމަވެސް މިހާރު ވަނީ މިފިލްމު މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރިލީޒް ކުރާ ގޮތަށް ބަދަލުކޮށްފަ އެވެ.

ލޯބީގެ ބިރުވެރިއަކަށް ވާހަކައެއްގެ މައްޗަށް ގެނެސްދޭ މިފިލްމުގެ ޝޫޓިން ނިމިފައިވާއިރު، މިފިލްމުގައި ހާމިދުގެ އިތުރުން ދެން ފެނިގެންދާނީ އަހުމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، އަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

ލިޔުންތެރިޔާ މުހައްމަދު ގާސިމުގެ ވާހަކަ "އުދަބާނި" އަށް ހެދި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލްގެ އިތުރުން ހާމިދެވެ.

މިފިލްމަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. އަދި ވިޔަފާރީގެ ގޮތުން ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އަމްޖޭގެ ފުރަތަމަ ފިލްމެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ދައްކައިގެން މިލިނިއަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ހޯދި ފިލްމެކެވެ.

އަމްޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ.