ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރަކާއި ސައިކަލެއް ޖެހި ސައިކަލް ދުއްވަން އިން ޒުވާނާ އަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހެނދުނު 6:50 ހާއިރު އެވެ.

އެކްސިޑެންޓް ހިނގިއިރު ސައިކަލް ދުއްވަން އިން ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބި ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓާއި ގުޅޭ ވީޑިއޯ އަކުން ފެންނަގޮތުން ޖީއެން ސައިކަލެއް ކައިރީގައި ޒުވާނަކު ވެއްޓިފައި އޮވެ އެވެ. އަދި ބޯ ކައިރީގައި ލޭ އޮތްއިރު އޭނާ އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަން ފާހަގަކުރެވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އިއްޔެ ރޭ ވެސް ވަނީ ހުޅުމާލެގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 23 އަހަރުގެ ޒުވާނަކު ނިޔާވެފަ އެވެ. އެކްސިޑެންޓްތައް ގިނަވަމުން ދިއުމާ ގުޅިގެން ރައީސް ވަނީ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް ކަމާގުޅުންހުރި އިދާރާތަކަށް ފިޔަވަޅުތަކެއް އެޅުމަށް އަންގަވާފަ އެވެ. އެގޮތުން ރޭގެ ވަގުތެއްގައި ވަނީ ހުޅުމާލެގައި ރޭސިންއާ ޑްރިފްޓިން އަށް ދީފައިވާ ހުއްދަ ބާތިލް ކޮށްފަ އެވެ.