ދުނިޔޭގެ އެއްވެސް ގައުމަކުން އީރާންގެ ނިއުކްލިއާ ހަމަލާ ހުއްޓުވުމަށް ފިޔަވަޅުނޭޅި ކަމުގައި ވިޔަސް އިޒްރޭލު އޮތީ އެފަދަ ހަމަލާއަކަށް ތައްޔާރަށް ކަމަށް އެ ގައުމުން ބުނެފި އެވެ.
އިޒްރޭލުގެ ޑީފެންސް މިނިސްޓަރު ބެނީ ގެންޓްޒް ވިދާޅުވާ ގޮތުގައި އެ ގައުމުގެ ސިޓީއެއް ކަމަށްވާ ޓެލް އަވީވް އޮތީ އީރާންގެ ނިއުކްލިއާ ހަމަލާތައް ހުއްޓުވުމަށް ތައްޔާރަށެވެ.
"އީރާން އެއްބަސްވެފައިވާ ހުރިހާ ކަމަކާ ވެސް ދެކޮޅު ހަދާނެ. ކޮންމެ ދިމާލަކުން ވެސް މަކަރުހަދާނެ،" މނިސްޓަރު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ދަނީ އީރާންއާއި ނިއުކްލިއާ މުއާމަލާތާބެހޭ ގޮތުން ވާހަކަ ދެއްކުމައް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޯނާލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުމުން ވަކިވެ އީރާންއާ ދެކޮޅައް ހަރުކަށި ފިޔަވަޅު އަޅާފަ އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އީރާންގެ ރައީސް ވިދާޅުވާ ގޮތުގައި އެ ގައުމަށް 200 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ.
އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވާ ގޮތުގައި މިހާރު އީރާނުން ދަނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުތައް ފަތުރަމުންނެވެ.
ލެބެނަންގެ "ހިޒްބޮއްލާ" ޖަމާއަތާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެ ޖަމާއަތަކީ ވަރަށް ގިނަ މިސައިލްތައް ލިބިފައިވާ ބައެއް ކަމަށެވެ. އަދި މިނިސްޓަރު ދެއްކެވި ލެބެނަންގެ ޗާޓަކީ ހަމަލާދޭން އެކުލަވާލާފައި އޮތް ޗާޓެއްތޯ ސުވާލުކުރުމުން އާނއެކޭ ވިދާޅުވުމަށް ފަހު އިޒްރޭލުން ހަނގުރާމަކުރަން ތައްޔާރައް ތިބި ކަމަށް ވިދާޅުވި އެވެ.
އިޒްރޭލާއި ހިޒްބޮއްލާ ވަނީ 2006 އަހަރުގައި ހަނގުރާމަ ކޮށްފަ އެވެ. ނަމަވެސް އެ ހަނގުރާމާގައި އެއްވެސް ފަރާތެއް މޮޅުވެފަ އެއް ނުވެ އެވެ.
މިދިޔަ ބުދަ ދުވަހު ހިޒްބޮއްލާގެ ލީޑަރު ނައީމް ގާސިމް ވަނީ އެ މީހުން އިޒްރޭލާ ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.
އެނަލިސްޓުން ގަބޫލު ކުރާގޮތުގައި އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމަ ފެށުން އެއީ ނުހުއްޓުވޭނެ ކަމެކެވެ.