ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ކާލް އިސްތިއުފާ ދެއްވިކަން ހާމަކޮށް ބީއެމްއެލްއިން ވަނީ މިއަދު ބަޔާނެއް ނެރެފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އިއްޔެ ކަމަށް ބަޔާނުގައިވެ އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ބީއެމްއެލް އާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށެވެ.

ކާލް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، މި މަހުގެ 21 ގައި ބާއްވާ އެ ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއާ ހަމައަށް މަގާމުގައި ދެމިހުންނަވާނެ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސީއީއޯގެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އަދި އެ މަގާމަށް މީހަކު އައްޔަންކުރަންދެން ބީއެމްއެލްގެ ހިންގުމުގެ ޒިންމާ އަދާކުރައްވާނީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާއިޝަތު ނޫރައްދީން ވެސް މިދިޔަ މަހު ވަނީ ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް ޑެޕިއުޓީ ސީއީއޯގެ މަގާމުން އޭނާ އިސްތިއުފާއެއް ނުދެއްވަ އެވެ.