ކާބުލް (6 މާޗް) – ކާރެއްގައި ބޮމެއް ހަރުކޮށްގެން ޖާނުންފިދާވުމުގެ ހަމަލާއެެއްދީ، އަފްޣާނިސްތާންގެ އިންޓެލިޖެންސް ޑިރެކްޓޮރޭޓްގެ ޗީފް ޕްރޮސެކިއުޓާ، ސަޔެދް މަހްމޫދް އާގާ އަވަހާރަކޮށްލައިފި އެވެ.

މި ހާދިސާ ހިނގީ އެ ގައުމުގައި ހަމަނުޖެހުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަފްޣާނިސްތާންގެ ހެލްމަންޑް ޕްރޮވިންސްގެ ކައުންސިލް ޗީފްކަމުގައި ހުންނެވި އަތައުﷲ އަފްޣާން ވިދާޅުވި ގޮތުގައި ހަމަލަދިން މީހާ އާގާއަށް ހަމަލާދީފައިވަނީ އާގާ އޮފީހަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. އެ ހަމަލާ ދީފައި ވަނީ އެ ގައުމުގެ ލަޝްކަރްގާ ކިޔާ ސިޓިގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަމަލާދިން މީހާ ދުއްވަން އިން ކާރުގައި ބޮން ހަރުކޮށްފައި ހުރިކަން ވެސް ފާހަގަ އަތައުﷲ ކުރެއްވި އެވެ.

މި ހަމަލާގައި އާގާގެ ބޮޑީގާޑަކާއި އިތުރު އަށް މީހަކު މަރުވެފައިވެ އެވެ. އަދި އާންމުންގެ ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އެ ގައުމުގެ އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ ނަގާފައިނުވެ އެވެ.

ތާލިބާން އާއި އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިޔަށްދާ މިދަނޑިވަޅުގައި އެ ގައުމުގައި ގިނަ ހަމަނުޖެހުންތައް ހިންގައި އެތައް ބަޔަކަށް ހަމަލާތައް ދެމުންދެ އެވެ.

އައިއެސްއެސްއިން ބައެއް ހަމަލާތަކުގެ ޒިންމާ ނަގާފައިވާއިރު، އެއްވެސް ބަޔަކު ޒިންމާ ނުނަގާ ގިނަ ހަމަލާތަކުގެ ފަހަތުގައި ވަނީ ޠާލިބާނުންކަމަށް ސަރުކާރުން ތުހުމަތުކުރެ އެވެ. ނަމަވެސް އެ ޖަމާއަތުން މިކަމާ ދެކޮޅުހަދަ އެވެ.