ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވުމަކީ ރަނގަޅު ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސިމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑު އިން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ މިހާރު ރާއްޖޭގައި ޕޮޒިޓިވްވާ މީހުން އިތުރުވަނީ ކޮވިޑަށް ޓެސްޓްކުރާ މީހުންގެ އަދަދު ވެސް އިތުރުކޮށްފައި ވާތީ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ހަދާ ޓެސްޓްތައް ވެސް ގިނަވާނެ ކުރިއާއި އަޅައިބަލާއިރު. ސެކަންޑް ވޭވްގައި ކުރިވަރަށްވުރެ މާގިނަ ޓެސްޓްތައް އެބަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ މިހާރު ބައެއް ދުވަސް ދުވަހު 5،000 - 6،000 ޓެސްޓް ވެސް ކުރަމުން އަންނަ ކަމަށެވެ.

"އެހެންވީމަ މިކަހަލަ ދުވަސްވަރެއްގައި ޕޮޒިޓިވްވާ މީހުން ގިނަވެސް ވާނެ. އެކަމަކު ޕޮޒިޓިވްވާ މީހުން ގިނަވުމަކީ އަޅުގަނޑުމެންނަށް ލިބޭ ރަނގަޅެއް. ބަލި ކޮންޓްރޯލް ކުރުމަށް ލިބޭ ރަނގަޅެއް. މިއާއި އެކީ އަޅުގަނޑުމެން ވެކްސިން ޕްރޮގްރާމް ކުރިއަށް މިގެންދަނީ. މިހާރު ދިވެހިރާއްޖެ އަކީ ވެކްސިން ޕްރޮގްރާމްގައި ދުނިޔޭގައި އެންމެ މަތީ ގާތްގަނޑަކަށް ހަތަރު ފަސްވަނައިގައި އުޅޭ ގައުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑްގެ އައު ވޭރިއެންޓް ވެސް ރާއްޖޭގައި ފެތުރެމުންދާނެ ކަމަށް ވަރަށް ބޮޑަށް ހީވާ ކަމަށެވެ.

"ކޮވިޑަކީ ވަރަށް ކޮމްޕްލިކޭޓެޑް އެއްޗެއް. މިހާރު އަޅުގަނޑު ދެކޭގޮތުގައި ދުނިޔޭގައި އެންމެ އަވަހަށް ފެތުރޭ ކޮވިޑްގެ ބާވަތްތައް ރާއްޖެއަށް އައިސްފައި ހުރުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއް. ވަރަށް ޔަގީންކަމާއިއެކު ސިއްހީ ދާއިރާގެ ބައެއް އިސް ބޭފުޅުން އެބަވިދާޅުވޭ އެވޭރިއަންޓް ރާއްޖެއަށް އައިސްގެންނޭ އުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމަ ވަރަށް އަވަހަށް ފެތުރޭނެ. ދެން ކުރީގައި އަޅުގަނޑުމެން ނެގި މެޝާސް އާއި މިހާރު ނަގާ މެޝާސް އާއި ތަފާތުވާން އެބަޖެހޭ. މިހެން މިދެންނެވީ އަވަހަށް ފެތުރޭ ވައްތަރެއް އައިސްގެން އުޅޭތީ."

ނަސީމް ވިދާޅުވިގޮތުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ވެކްސިން ދިނުން ބާރުމިނުގައި ކުރިއަށް ގެންދެވުމުގެ ސަބަބުން ކޮވިޑް ގެ ކޭސްތައް ތިރިޔަށްދާ ކަހަލަ ގޮތަކަށް މަންޒަރު ފެންނަމުންދެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ މަހު ކޮވިޑްގައި މަރުވި މީހުންގެ އަދަދު އިތުރުވި ސަބަބަކީ ކޮވިޑްގެ އާވޭރިއެންޓުން ކަމަށް ވުން އެކަށީގެންވެ އެވެ. ނަމަވެސް މިކަން ޔާގީން ނުވާކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.