މާލޭގައި ކަންތައް އޮތީ ރަނގަޅަށް ނޫން ކަމުގައި ދަންނަވައި އަވަހަށް މާލެ ވަޑައިގެންނެވުމަށް ރާއްޖޭގެ އޭރުގެ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީނަށް މާލެއިން ޓެލެގްރާމެއް ލިބިވަޑައިގެންނެވީ އެމަނިކުފާނު ބޭސްފަރުވާއަށް ކޮޅުނބުގައި ހުންނަވަނިކޮށެވެ. ކޮޅުނބުގައި އެމަނިކުފާނު އެންމެ ފަހުގެ ކަމަކަށް ކުރެއްވެވި ކަމަކީ ޖުމްހޫރީ އުފަލުގެ ހަފުލާތަކާއި ބެހޭ ފިލްމެއް އެގައުމުގައި ތިއްބެވި އިނގިރޭސި ސަރުކާރުގެ އިސްވެރިންނަށް ދައްކަވައިލެއްވުމެވެ. އޭގެ ފަހުން އިނގިރޭސި ސަފީރު ހަމަޖައްސަވައިދެއްވެވި މަތިންދާ ބޯޓެއްގައި، އެމަނިކުފާނު ވަޑައިގެންނެވީ މާލެއަށެވެ. މާލޭގެ ކަންތައް އޮތީ ރަނގަޅަށް ނޫންކަމުގެ އިހުސާސާއެކު އެވެ.
ކޮޅުނބުން ފުރާވަޑައިގެންނެވި އިރު އަމީންއަށް ރަނގަޅަށް އެނގިވަޑައިގެންފައި ނެތް ކަމުގައި ވިޔަސް އޭރު ރާއްޖޭގައި އޮތީ އެމަނިކުފާނުގެ ސަރުކާރެއް ނޫނެވެ. އެސަރުކާރު އޮތީ ވައްޓާލައިފަ އެވެ. ރައްޔިތުން ނިކުމެ އެވެ. މައިގަނޑު ސަބަބަކީ ރާއްޖެ އެ ދުވަސްވަރު އުފުލަން ޖެހިފައި އޮތް ތަދުމަޑުކަމާ ހެދި ރައްޔިތުންނަށް އުފުލަން ޖެހިފައި އޮތް ބުރަ އެވެ. އެ ހާލަތުގައި އަމީން ކަންތައް ކުރައްވަމުން ގެންދެވި ހަރުކަށި އުސޫލުތަކަށް، ގިނަ ރައްޔިތުން ތިބީ ނުރުހިފަ އެވެ. ދަނޑިވަޅުގެ ބޭނުންކޮށް ސިޔާސީ ގޮތުން ފައިދާތަކެއް ނަގަން ބޭނުންވި ބަޔަކު ސަރުކާރު ވައްޓާލީ އެވެ. ނުވަތަ ބާރުތައް ފޮރޮޅާލީ އެވެ.
ރައްޔިތުން ނުކުމެ ފުރަތަމަ ޖުމުހޫރިއްޔާގެ ވެރިކަން އިންގިލާބުކޮށްލުމުމުގެ ދުވަސްކޮޅެއް ކުރިން ރައީސް މުހައްމަދު އަމީން ލަންޑަނަށް ދަތުރުފުޅެއް ކުރެއްވި އެވެ. އެ ދަތުރުފުޅުގެ ބޭނުމަކީ ހަނގުރާމައަށް ފަހު ރާއްޖެއަށް ދިމާވެފައި އޮތް ތަދުމަޑުކަމުން އަރައިގަތުމަށް އިނގިރޭސި ސަރުކާރުގެ އެހީތެރިކަން ހޯއްދެވުމެވެ. އެ ބޭނުމުގައި ރާއްޖެއަށް ބޭނުންވާ އެހީ ހޯއްދެވުމަށް ޕްރޮޕޯސަލެއް ތައްޔާރުކުރައްވައިގެން ލަންޑަނަށް ވަޑައިގެން އިނގިރޭސިވިލާތުގެ ވެރިންގެ އަތްޕުޅަށް އަމީން ހުށަހެޅުއްވި އެވެ. އެ މަސައްކަތްޕުޅަށް ޖަވާބެއް ނުލިބި ގިނަ ދުވަސްވުމުން އެމަނިކުފާނު އެނބުރި ކޮޅުނބަށް ވަޑައިގެންނެވީ ދިވެހި ދައުލަތުގެ ވިޔަފާރި އެޖެންޓް ލަންޑަނުގައި ބަހައްޓަވާފަ އެވެ. އެކަން ލަންޑަނުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.
ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ލަންޑަނަށް ވަޑައިގެން ދައުލަތަށް ކޮންމެހެން ބޭނުންވެފައި އޮތް އެހީތެރިކަމެއް ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅާ ބެހޭގޮތުން ޑައުނިންގެ ސްޓްރީޓްގައި ހުންނަ ކޮމްންވެލްތު ރިލޭޝަންސް އޮފީހާއި ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނާ ދެމެދު ބަދަލުކުރެވިފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު ރާއްޖެއަށް ދިމާވެފައި އޮތް ދަތި ހާލުގެ ޒިންމާ އުފުލަން ޖެހެނީ އިނގިރޭސި ސަރުކާރުން ކަމަށް އެ ސަރުކާރުން ގަބޫލުކުރެ އެވެ. އެހެން ނަމަވެސް ރާއްޖެއަށް އެހީތެރިކަމެއް ފޯރު ކޮށްދިނުމުގެ ކުރިން އެ އެހީތެރިކަމުގެ ސަބަބުން އިނގިރޭސި ސަރުކާރުން ހާސިލުކުރަން ބޭނުންވާ ކަންތައް ރާއްޖެއިން ހާސިލުވާނެކަން ޔަގީންކުރަން ޖެހޭނެ ކަމަށް އޮތެވެ. އިނގިރޭސި ސަރުކާރުން ބޭނުންވެފައި އޮތީ ރާއްޖޭގެ އެތެރޭގެ ސިޔާސަތުތަކާ ސީދާ އިނގިރޭސިންނަށް ބެހެވޭނެ ގޮތް ހެދުމުގެ އިތުރުން ރާއްޖެއިން ބައެއް އިނގިރޭސި ވިލާތުގެ ދިފާއީ ބާރުގެ ބޭނުމަށް ލިބުމެވެ.
ސިލޯނަށް އިނގިރޭސިންގެ އަތުން 1948 ވަނަ އަހަރު މިނިވަންކަން ލިބުނު އިރު ރާއްޖޭގެ ޚާރިޖީ ކަންކަން އޮތީ ސިލޯނުގައި ހުންނަ އިނގިރޭސި ގަވަރުނަރުގެ ބެލުމުގެ ދަށުން ހިންގާ ގޮތަށެވެ. ސިލޯނަށް މިނިވަންކަން ލިބުމުން ރާއްޖޭގެ މިނިވަންކަމާމެދު ސިލޯނު ސަރުކާރުން ސުވާލު އުފައްދާފަދަ ހާލަތަކަށް ދިޔަ އެވެ. ރާއްޖެއަކީ ޒަމާނުއްސުރެ ސިލޯނަށް ޖިޒީ ދީގެން ސިލޯނުގެ ދަށުގައި އޮންނަ ގައުމެއްގެ ގޮތުގައި އެ ގައުމުން ދައުވާކުރި އެވެ. އެކަމަށް އިނގިރޭސި ސަރުކާރުން ވެސް ބާރު ދިނެވެ. އެ ނާޒުކު ދަނޑިވަޅުގައި އަމީންގެ ހިކުމަތްތެރިކަމާއި ޑިޕްލޮމެސީގެ ބޭނުންކުރައްވައި ރާއްޖެއިން ސިލޯނަށް ދެމުން އައި ޖިޒީ ކަނޑާލުމުގެ އެއްބަސްވުމެއްގައި އިނގިރޭސި ސަރުކާރާއެކު ސޮއި ކުރެއްވި އެވެ. އެ ސޮޔާއެކު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުކަމުގައި ބަލައި އެކަން ރާއްޖޭގައި ފާހަގަ ވެސް ކުރި އެވެ. އަމީންގެ ބޭނުންފުޅަކަށްވީ ދިވެހިރާއްޖޭގެ އެތެރޭގެ ކަންތަކާ އެއްވެސް ގައުމަކަށް ނުބެހެވޭ ގޮތަށް ބޭއްވުމެވެ. އެކަން އެމަނިކުފާނު ހާސިލު ކުރެއްވި އެވެ.
ކޮޅުނބުގައި ހުންނެވި އިނގިރޭސި ސަފީރު ހަމަޖައްސަވައިދެއްވި މަތިންދާ ބޯޓެއްގައި ރާއްޖޭގެ ރައީސް އަމީން މާލެ ވަޑައިގެންނެވިތާ ދިހަ ވަރަކަށް ދުވަސްފަހުން، ކޮޅުނބުގައި ހުންނެވި ރާއްޖޭގެ ސަފީރު އަހުމަދު ހިލްމީ ދީދީ އިނގިރޭސި ހައިކޮމިޝަނަށް ހާޒިރު ކުރި އެވެ. އޭރު ހިލްމީ ވަނީ ސަފީރުކަމުން އިސްތިޣުފާ ދެއްވާފަ އެވެ. ސަބަބަކީ އަމީން މަގާމުން އިސްތިޣުފާ ދެއްވައިފި ކަމުގައި މާލެއިން އެމަނިކުފާނަށް އެންގެވުމުންނެވެ.
ސަފީރުގެ އޮފީހަށް ހިލްމީ ވަޑައިގެންނެވުމާއެކު ކުރިމަތިކުރެވުނު ސުވާލަކީ އަމީން ވީތަނަކާ ބެހޭގޮތުންނެވެ. ހިލްމީ ވިދާޅުވީ އެކަމާ ބެހޭ އެއްވެސް ވާހަކައެއް ބޭރުގެ ބަޔަކާ ނުދެއްކެވުމަށް އަމީން އެމަނިކުފާނަށް އަމުރުފުޅު ކުރައްވާފައިވާ ކަމަށެވެ. އިނގިރޭސި ހައިކޮމިޝަނަރުގެ ކަންބޮޑުވުމަކީ އަމީން ރާއްޖެ ވަޑައިގެންނެވުމުން، މާލެ ގެންދިއުމުގެ ބަދަލުގައި އެހެން ރަށަކަށް ގެންދިޔަކަން އެނގިވަޑައިގެންނެވުމެވެ. އެ ވާހަކަ ސަފީރަށް ދެންނެވީ ބޯޓުގެ ކެޕްޓަނެވެ. އެ ޚަބަރު އެގޮތަށް ލިބިވަޑައިގެންނެވުމަށް ފަހު އަމީންގެ ޚަބަރެއް ލިބިވަޑައިނުގެންނެވުމާއި އެމަނިކުފާނު އިސްތިޣުފާ ދެއްވިކަމުގެ ޚަބަރު ފެތުރުމުން އަމީންގެ ފުރާނަފުޅު ނުރައްކަލުގެ ތެރޭގައި ވެދާނެ ކަމަށް ސަފީރަށް ވިސްނިވަޑައިގަތެވެ. އެހެންނަމަވެސް ހިލްމީ ހާޒިރުކުރައްވައި އިނގިރޭސި ސަރުކާރުން އަމީންގެ ފުރާނަފުޅާމެދު ކަންބޮޑުވާ ވާހަކަ ވިދާޅުވުމުގެ އިތުރު ކަމެއް ސަފީރު ނުކުރައްވަ އެވެ.
އަމީންގެ ވެރިކަން އިންގިލާބަކުން ބަދަލުކޮށްލުމަށްފަހު އެމަނިކުފާނު ހުންނެވީ ދޫނިދޫގައި ބަންދު ކުރައްވާފަ އެވެ. އެގޮތަށް ހުންނަވައި، ސަޕޯޓަރުންގެ ބަޔަކާއެކު މާލެ އަރާވަޑައިގެންނެވުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކުގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުން އަވަހާރަވުމާ ދެމެދު ދުވަސްތަކެއް ނެގި އެވެ. އެމަނިކުފާނު އަވަހާރަވީ 1956 ވަނަ އަހަރު ޖެނުއަރީ މަހުގަ އެވެ.
އަމީންގެ ވެރިކަން އިންގިލާބު ކޮށްލުމަށްފަހު މާލޭގައި އުފެދުނު ސަރުކާރުގެ ވެރިޔަކީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ވެރިކަން ބަދަލުވުމުގެ ހަތް މަސް ފަހުން ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ކޮޅުނބަށް ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގައި ކޮޅުނބުގައި ތިބި އިނގިރޭސި ސަރުކާރުގެ ވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވައި ގުޅުން އުފެއްދެވި އެވެ. ކޮޅުނބުގައި ނުވަ މަސް ދުވަސް ހޭދަ ކުރެއްވުމަށްފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންނެވި ބޯޓު ރާއްޖޭގެ އުތުރުގެ ފަރަކަށް އުރުނެވެ. އެ ޚަބަރު ވަޔަލެސްއެއްގެ ޒަރީއާއިން ކޮޅުނބުގައި ތިބި އިނގިރޭސި ސަރުކާރުގެ ވެރިންނަށް އެންގެވުމާއެކު އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން ދިޔަ މަނަވަރައެއް ބޯޓާ ދިމާޔަށް މިސްރާބު ޖެހި އެވެ. އެ މަނަވަރުން ރާއްޖޭގެ ބޮޑުވަޒީރު މާލެ ގެނެސްދިނެވެ.
ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމުގެ ޝަރަފުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އިނގިރޭސިންގެ ހެޔޮކަމާއި ދީލަތިކަމާއި އެކަމަށްޓަކައި ދިވެހިން އިނގިރޭސި ސަރުކާރަށް ދަރާފައިވާ މިންވަރު ފާހަގަކުރައްވައި އިނގިރޭސި ދައުލަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
"އަޅުގަނޑުމެން ދަތުރުކުރި ބޯޓު ފަރަށް އަރައި، ނުރައްކައުތެރިވެއްޖެ ވާހަކަ އިނގިރޭސި ދައުލަތަށް އެންގިތާ 24 ގަޑި އިރުގެ ތެރޭގައި 600 މޭލު ދުރުގައި ދަތުރު ކޮށްކޮށް ހުރި މަނަވަރެއް، ކުއްލިއަކަށް އަޅުގަނޑުމެންނާ އެހީވުމަށް ފޮނުއްވިކަމީ، އިނގިރޭސި ދައުލަތުގައި ދިވެހި ގައުމަށް އުފެދިފައި އޮތް މަތިވެރި ގަދަރާއި، ލޯބީގެ ވަރުގަދަ ދަލީލެވެ." ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.
އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އެ ވިދާޅުވި ގަދަރާއި ލޯބީގެ އެހީތެރިކަމާއި ދިވެހިން ދަރާފައިވާ ދަރަނީގެ އަގެއްގެ ގޮތުން ދިވެހި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އެނގުމެއް ނެތި އެމަނިކުފާނު އޭރު ވަނީ އިނގިރޭސި ދައުލަތާއެކު ވަރުގަދަ އެގްރީމެންޓެއްގައި ސޮއި ކުރައްވާފަ އެވެ. ރާއްޖޭގެ ދެކުނުން އައްޑު އަތޮޅުން ބައެއް އިނގިރޭސި ދައުލަތަށް 100 އަހަރަށް ކުއްޔަށް ދިނުމާއި ފަހުން ވިއްކާލާ ގޮތަށް ކޮށްފައި އޮތް އެ އެގްރީމެންޓުގައި އެމަނިކުފާނު އޭރު އޮތީ އިނިޝިއަލް ސޮއި ކުރައްވާފަ އެވެ. ރަސްމީ ސޮއިކުރެއްވުމަށް އިނގިރޭސި ސަފީރު ވަޑައިގަންނަވަން އޮތީ ހަމަޖެހިފަ އެވެ.
ބޮޑު ވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އިނގިރޭސިންނަށް ރާއްޖޭގެ ބައެއް ވިއްކަވާލެއްވުމުގެ ސޮއިކުރެއްވިއިރު އެކަމަކީ މުހައްމަދު އަމީން ދިރިހުންނެވިހާ ހިނދަކު އިނގިރޭސިންނަށް ނުވެ އޮތް ކަމެކެވެ. އެމަނިކުފާނު އަވަހާރަވުމަށްފަހު އަހަރު ވެސް ނުވަނީސް އެމީހުންގެ ބޭނުން ހާސިލުކުރުމާއި، ބޭނުން ޖެހުނު ވަގުތު އަމީނަށް އެހީތެރިކަން ފޯރުކޮށްދީފައި ނެތުމުން އަމީނު އަވަހާރަކޮށްލުމުގައި އިނގިރޭސި ދައުލަތުން ސީދާ ބައިވެރިވެފައި ނެތްކަމަށް ވިޔަސް އެއީ އެ ދައުލަތުން ނިހާޔަތަށް ބޭނުންވެފައި އޮތް ކަމެއް ކަމެއްކަން އެނގެ އެވެ.