ކުންފުނިތަކުގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރަން ނިންމައި ކުންފުނީގެ ގާނޫނަށް ހުށައެޅި އިސްލާހު، މާދަމާ ބާއްވާ ދައުރުން ބޭރު ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށެހެޅުއްވީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. މި އިސްލާހު ހުށައެޅުއްވި މަގުސަދު ކަމަށް ބުނެފައި ވަނީ، ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކަށް ބަދަލު ގެނައުން ކަމަށް އިސްލާހުގައިވެ އެވެ. މި އިސްލާހުގެ ފުރަތަމަ ކިއުން މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ކުންފުނީގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެ އެވެ. އަދި ދިހަ ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާހުގައި ވަނީ ހުށަހަޅާފަ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ޖަލްސާ ބޭއްވުމަށް ދައުވަތު ދޭން ޖެހެނީ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގަ އެވެ. އަދި ޖަލްސާ ބޭއްވުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދީފައި އޮވެ އެވެ.

މީގެ އިތުރުން ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވާނަމަ ކުންފުނީގެ މެންބަރުންނަށް ހަތް ދުވަސް ކުރިން ނޯޓިސް ފޮނުވުމަށް ވެސް އިސްލާހުގައި ވަނީ ހިމަނާފަ އެވެ. މީގެ ކުރިން މި ނޯޓިސް ދިނުމަށް ދޭން ޖެހެނީ 14 ދުވަސް ކުރިންނެވެ.

ކުންފުނީގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާޙުގައި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރު ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ.

މިއާއެކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން މަދުކަމަށް ފާހަގަވެ އެ އަދަދަށް ޑިރެކްޓަރުން އައްޔަން ކުރުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އެންގުމުން 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ބޯޑަށް މެންބަރުން އައްޔަން ކުރަން ޖެހޭ ގޮތަށް އިސްލާހުގައި ބަޔާންކުރެ އެވެ. މިހާރު އޮންނަ ގޮތުން ބޯޑު މެންބަރުންގެ އަދަދު ހަމަކުރަން 30 ދުވަހުގެ މުހުލަތެއް ލިބެ އެވެ. އާ އިސްލާހުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައިވާ ނަމަވެސް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އެކަން އަންގާތާ 10 ދުވަހުގެ ތެރޭގައި މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށް މި އިސްލާހުގައި ބަޔާން ކުރެ އެވެ.

ކުންފުނީގެ އާ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ މިއަހަރު ޖެނުއަރީ މަހު އެވެ. އާ ގާނޫނެއް މަޖިލީހުން ފާސްކުރީ، ކުރިން ޢަމަކުކުރަމުން އައި ގާނޫނަކީ 1996 ވަނަ އަހަރު ވުޖޫދު ކުރެވުނު ގާނޫނަކަށްވެފައި، ކުންފުނިތަކަށް ޒަމާނީ އޮނިގަނޑެއް ގެނެސް، އޭގެ ދަށުން ކުންފުނިތައް ހިންގުމުގެ ފުރުސަތު ދިނުމަށެވެ.