ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ކުންފުނިތަކުގެ ހާއްސަ އާއްމު ޖަލްސާ ބާއްވާ މުއްދަތު ކުރުކުރަން ހުށަހެޅި މައިގަނޑު މަގުސަދަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅާފައިވާ ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، އެ ބިލު ހުށަހަޅަން ޖެހުނު އެއް ސަބަބަކީ ބީއެމްއެލްގެ ބޯޑަށް ކުއްލިއަކަށް އައިސްފައިވާ ހުސްކަން ކަމަށެވެ.

ނާޒިމް ވިދާޅުވީ ބީއެމްއެލްގެ ބޯޑު މެންބަރުން އައްޔަން ކުރުމަށް ހާއްސަ ގޮތުން އާންމު ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފައިވަނިކޮށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންވެ އެ މަގާމަށް މީހަކު އައްޔަން ކުރުމަށް އިތުރު އީޖީއެމްއެއް ބާއްވަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އީޖީއެމް ބާއްވަން އޮންނަ މުއްދަތުތައް ކުރު ކުރަން ޖެހޭ ކަމަށާއި، މިއިސްލާހުގެ ސަބަބުން މިހާރު 21 ސެޕްޓެމްބަރުގައި ބީއެމްއެލްއިން ބާއްވަން ނިންމާފައިވާ އީޖީއެމް ބޭއްވި ނަމަވެސް އެއާ ވިދިގެން ދުރު ނޫން މުސްތަގުބަލެއްގައި އިތުރު އީޖީއެމް އެއް ބާއްވަން މަގުފަހިވެގެންދާނެ ކަމަށެވެ.

މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 7 ދުވަހުގެ ތެރޭގަ އެވެ.

މީގެ އިތުރުން ނާޒިމް ވަނީ ދައުލަތް ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް ހިންގަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ބީއެމްއެލްގެ އެންމެ އިސްމަގާމުތަކުގައި ދިވެހިންގެ ކޮންޓްރޯލް ނެތުމުން، ދާދިފަހުން ދިމާވި މައްސަލައަށް ވުރެ ސީރިއަސް މައްސަލަތަށް ދިމާވެދާނެކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އިސް މަގާމުތަކުގައި ދިވެހިންނަށް ފުރުސަތު ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް އެ ފާހަގަކުރެއްވި މައްސަލަ އަކީ ބޭންކުގެ ކާޑުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކު ބޯޑުން މިދިޔަ އޮގަސްޓު މަހު ނިންމި ނިންމުމެވެ.

އެކަމާ ގުޅިގެން ބޭންކާއި އިދިކޮޅު ފަރާތްތަކުން މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށް ބީއެމްއެލްގެ ސީއީއޯ ވަނީ މި މަހުގެ 8 ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ.