މިދިޔަ އޮގަސްޓްމަހު އެއާ އޭޝިއާއާއި ހޮންކްކޮންގްގެ ޓްރެވެލް އެޖެންޓެއް ގުޅިގެން "ސަޕްރައިޒް ދަތުރެއް"ގެ ޕްރޮމޯޝަން އިއުލާން ކުރުމުން އެ ޕްރޮމޯޝަނަށް ހާއްސަ ޖާގަތައް ވިކި ހުސްވާކަށް މާގިނަ ދުވަހެއް ނުނެގި އެވެ.

"ނޯ ކްލޫ އެސްކޭޕް"ގެ ނަމުގައި އެއާ އޭޝިއާއިން އެ ޕްރޮމޯޝަނުގައި ބައިވެރިވި 20 މީހުން 634 އެމެރިކާ ޑޮލަރު ހޭދަކުރީ އެ ދަތުރުގައި ދާނެ ވަކި މަންޒިލެއް ނޭނގި އެވެ.

ވާނެ ގޮތެއް ނޭނގިތިބެ އެ 20 ފަސިންޖަރުން މިިދިޔަ ހުކުރު ދުވަހު ހޮންގްކޮންގްއިން ފުރިއިރު އެމީހުންނަށް އެމީހުންގެ މަންޒިލަކީ ދިވެހި ރާއްޖެކަން އެނގުނީ ފްލައިޓް ތެރެއިންނެވެ.

ރާއްޖެއާ ގުޅުންހުރި ސުވެނިއާތަކެއް އެ ދަތުރުގެ ބައިވެރިންނަށް ފްލައިޓްގެ ތެރޭގައި ބަހާފައިވާއިރު އެ މީހުންގެ މަންޒިލަކީ ދިވެހި ރާއްޖެކަން އެނގުމުން ހުރިހާ ބައިވެރިން ވެސް ވަނީ އުފާ ފާޅުކޮށްފަ އެވެ.

އެ ދަތުރުގެ ބައިވެރިން ބަނޑޮސް މޯލްޑިވްސްގައި ފަސް ދުވަހުގެ ޗުއްޓީއެއް ހޭދަ ކުރުމަށްފަހު އަނބުރާ ހޮންގްކޮންގްއަށް ފުރާފައިވާ ކަމަށް އެ ދަތުރު އިންތިޒާމުކުރި ފަރާތްތަކުން ބުނެ އެވެ.

ދާނެ މަންޒިލެއް ނޭނގި އެހާ ބޮޑު ހަރަދެއް ކުރަން ގިނަ ބަޔަކު ފަސްޖެހުނު ނަމަވެސް މި ދަތުރު ކާމިޔާބު ކަމާއެކު ނިންމާލެވުމުން އެނގިގެންދަނީ ހޮންގްކޮންގްގެ ރައްޔިތުންނަކީ ކޮންމެ ކަމަކަށް ވެސް ތައްޔާރު ބައެއްކަން ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.