އެމެރިކާގެ މިސޫރީ ސްޓޭޓްގައި މިދިޔަ އަންގާރަ ދުވަހު މަރުގެ އަދަބު ދިން މާސެލަސް ވިލިއަމްސްގެ ފަހު ބަހަކީ "ކޮންމެ ހާލެއްގައި ވެސް ﷲ އަށް ހަމްދުކުރަން" ( އޯލް ޕްރެއިސް ބީ ޓު ﷲ އިން އެވްރީ ސިޓުއޭޝަން) ކަމަށް ކަރެކްޝަންސް ޑިޕާޓްމަންޓުން ހާމަކުރި އޭނާގެ އެންމެ ފަހު ބަޔާނުގައި ބުނެފި އެވެ.

އެއީ ވިލިއަމްސްގެ އަމިއްލަ އަތުން ލިޔެފައިވާ ބަޔާނެކެވެ. ވިލިއަމްސްގެ ދިފާއުގައި މަސައްކަތް ކުރާ މީހުން ބުނި ގޮތުގައި އޭނާވަނީ އިސްލާމްވެފަ އެވެ.

މާސެލަސްގެ ފަހު ބަޔާން

އުމުރުން 55 އަހަރުގެ މާސެލަސް ވިލިއަމްސްއަށް މަރުގެ އަދަބު ދީފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ. އޭނާއަށް މަރުގެ އަދަބު ދިން އިރު އޭނާއަށް ކުށް ސާބިތުކުރި ގޮތާ މެދު އެތައް ސުވާލުތަކެއް އުފެދި، މަރުގެ އަދަބު ދިނުން ލަސްކޮށްދިނުމަށް އެދި ހެއްކާ އެކު ސުޕްރީމްކޯޓަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެމެރިކާގެ ސުޕްރީމް ކޯޓުންވަނީ ސާބިތު ހެެކި ނެތް ކަމަށް ބުނެ މަރުގެ ހުކުމް ކުރިއަށް ގެންދަން އަމުރުކޮށްފަ އެވެ.

ވިލިއަމްސްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ 1998 ވަނަ އަހަރު، ކުރީގެ ނިއުސް ރިޕޯޓަރެއް ކަމަށްވާ ފެލިޝިއާ ގޭލް އަށް އޭނާގެ ގޭތެރޭގައި، 40 ފަހަރަށް ވުރެ ގިނައިން ވަޅިން ހަމަލާދީ މަރާލާފައި އޮއްވައި ފެނުނު މައްސަލާގަ އެވެ. ކުށުގެ ވެށިންނާއި ބޭނުންކޮށްފާ ވަޅިން ވިލިއަމްސްގެ ޑީއެންއޭ ފެނިފައެއް ނުވެ އެވެ. އޭނާގެ މައްޗަށް ކުށް ސާބިކޮށްފައި ވަނީ ފެލީޝިއާ މަރާލިކަމަށް ވިލިއަމްސް ބުނި ކަމަށް ބުނެ ކޯޓުގައި ހެކިބަސް ދިން މީހެއްގެ ބަޔާނަށް ބިނާކޮށެވެ.

ވިލިއަމްސްގެ މައްސަލާގައި ދެކޮޅު ނުޖެހޭ އެތައް ސަބަބުތަކާ ހެދި ވިލިއަމްސްއަށް މަރުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލި އެވެ. އޭނާ އަށް މަރުގެ އަދަބު ދީފައިވަނީ ޑެތް ރޯގައި ހުންނަތާ ވިހި އަހަރު ފަހުންނެވެ. އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކުރުމުގެ މަސައްކަތް މި އަހަރު ލޯކަލް ޕްރޮސެކިއުޓަރުން ފެށި އެވެ. އަދި މައްސަަލަ އަލުން ބެލުމަށް 1.5 މިލިއަނަށް ވުރެ ގިނަ ސޮޔާއެކު ޕެޓިޝަންނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

ވިލިއަމްސްގެ މަރާއެކު އެމެރިކާގެ ގިނަ ބަަޔަކު ތިބީ ކުށެއް ނެތް މީހަކު މަރާލި ކަމަށް ބުނެ މާޔޫސްވެފަ އެވެ.