ޕަބްލިސް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޑޮލަރު ގަތުމުގެ ނަމުގައި ހިންގި ހިޔާނާތުގެ މައްސަލަ އޭސީސީއަށް ފޮނުވައިފި އެވެ.
ޑޮލަރު ގަތުމުގެ ނަމުގައި ޕީއެސްއެމްއިން ހިންގި މި ބޮޑު ހިޔާނާތުގެ ތެރެއިން ޖުމްލަ ނުވަ މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވަނީ ބުނެފަ އެވެ.
ފުލުހުން މިއަދު ބުނީ ޕީއެސްއެމްއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހްތިސާސް އޮންނަނީ އޭސީސީ ގައި ކަމަށް ވުމުން އެ މައްސަލަ ފުލުހުން، އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.
މި ހިޔާނާތާގުޅޭ އޮޑިޓު ރިޕޯޓު އޮޑިޓު އޮފީހުން އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުންޏަށް ޑޮލަރު ގަތުމަށް ކަމަށް ބުނެ ނެގި ފައިސާގެ ތެރެއިން ބޮޑު އަދަދެއް އަދި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން ބޮޑު އަދަދެއް ގެއްލިފައިވާ ކަމަށެވެ.
2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ބަލައިގަތް 4،260،295 (ހަތަރު މިލިއަން ދެލައްކަ ފަސްދޮޅަސްހާސް ދުއިސައްތަ ނުވަދިހަ ފަސް) ރުފިޔާ ގެއްލިފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
ޑޮލަރު ގަތުމަށް ކަމަށްބުނެ ޕީއެސްއެމް އެކައުންޓުން 5.79 މިލިއަން ރުފިޔާ ނަގާފައިވެ އެވެ. އެއީ 373،988 ޑޮލަރު ގަނެވޭވަރުގެ އަދަދެކެވެ. ނަމަވެސް ކުންފުންޏަށް ލިބުނީ އެންމެ 76،731 ޑޮލަރެވެ. އެއީ 1.2 މިލިއަން ރުފިޔާއަށްވާ ޑޮލަރެވެ.
މި ފައިސާގެ މުއާމަލާތްތައް ހިންގާފައިވަނީ ޗެކުންނާއި ޓްރާންފާކޮށްގެނެވެ. އެގޮތުން ޗެކުތައް މެދުވެރިކޮށް ގިނަ ފައިސާ ނަގާފައިވަނީ ކުންފުނީގެ މެސެންޖަރެއްގެ ވަޒީފާގައި ހުރި މުވައްޒަފެއް މެދުވެރިކޮށެވެ. މީގެ އިތުރުން ޕީއެސްއެމްގެ ފައިނޭންސް ޑިރެކްޓަރު އަމިއްލައަށް 532،240 ރުފިޔާ ޗެކު މެދުވެރިކޮށް ނަގާފައިވެ އެވެ. އިތުރު ދެ މުވައްޒަފަކު މެދުވެރިކޮށްވެސް ޗެކުން ފައިސާ ނަގާފައިވާކަމަށް އޮޑިޓް ރިޕޯޓުން އެނގެ އެވެ.
ކުންފުނީގެ މުވައްޒަފެއް މެދުވެރިކޮށް، 3.5 މިލިއަން ރުފިޔާ ޗެކުން ނަގާފައިވާއިރު އެ ފައިސާ ނުލިބިގެން ފައިނޭންސް ޔުނިޓުން ފިޔަވަޅެއް އަޅާފައި ނެތެވެ. އެހެންކަމުން އެ މުވައްޒަފު އެ ފައިސާ ދިނީ ކުންފުނީގެ ފައިނޭންސް ޑިރެކްޓަރު އަތަށް ކަމަށް ބެލެވޭ ކަމުގައި އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
އޮންލައިން ޓްރާންސްފާކޮށްގެން 1.2 މިލިއަން ރުފިޔާ ނަގާފައިވާއިރު އޭގެ ބޮޑުބައެއް ޖަމާކޮށްފައިވަނީ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ނަމުގައި ބީއެމްއެލްގައި ހުޅުވަފައިވާ އެކައުންޓަކަށްކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އޭނާއަށް 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
500 އެއްހާ މުވައްޒަފުންނާއެކު ޕީއެސްއެމް ހިންގަން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ އިރު، 261 މިލިއަން ރުފިޔާއިން ދަރަނިވެރިވެފައިކަމަށް އެ ކުންފުނިން މި އަހަރުގެ މެއި މަހު ވަނީ ހާމަކޮށްފަ އެވެ.